ޚަބަރު

ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް މަކްތަބާ ސަލަފިއްޔާ އަށް ޑރ.އިޔާޒް ގޮވާލައްވައިފި

ރާއްޖޭގައި ހިންގާ ދީނީ ޖަމާއަތެއް ކަމަށްވާ މަކްތަބާ ސަލަފިއްޔާއިން ޑރ. މުހައްމަދު އިޔާޒުއާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް އޭނާ ރައްދުދެއްވައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އެޖަމާޢަތަށް ޑރ.އިޔާޒް ގޮވާލައްވައިފިއެވެ.

މަކްތަބާ ސަލަފިއްޔާ އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދީނީ ދަރުސްދިނުމުގެ ހުއްދަ ހިފަހައްޓާފައިވާ މުހައްމަދު ހަސަން ، ޑރ. އިޔާޒަކީ ހަރުކަށި ފިކުރުތަކަށް ތާއިދުކުރައްވާ ބޭފުޅެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ސަލަފީ ޖަމްއިއްޔާއިން ބޭއްވި ނޫސްކޮންފަރެންސްގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ސަލަފް ޖަމިއްޔާގެ ޢިލްމްވެރިޔާ ޑރ.އިޔާޒު ވަނީ ޓްވީޓަކަށް ފަހު ޓްވީޓެއް އިއްޔެ ކުރައްވާފައެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މީސްތަކުން ”ކެޓަގަރައިޒް”ކޮށް ތިމަންނަމެންގެ ފިކުރާއި ދިމާނުވާ ބަޔަކާއި ހަތަރު ކަޅިހަމަނުކޮށް، ސަލާމް ގޮވިޔަސް ބަލައިނުގަނެ މޫނު އަނބުރާލާ މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭ ކަމެއް ނޫން ކަމަށެވެ.

އިތުރު ޓްވީޓެއްގައި އިޔާޒު ވިދާޅުވީ، އެއް މުސްލިމަކާއި ބައްދަލުވާހިނދު ސަލާމް ކޮށްލައިފިނަމަ އެކަމުން ވަރަށް މަތިވެރި ދަރުމަ ލިބޭ ކަމަށެވެ. މޫނުމަތީގައި ހިނިތުންވުމަކީ ސަދާގަތަކަށް ވިޔަސް ”ކުނި މޫނު” ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ޓްވީޓް ނިންމަވާލައްވަމުން އިޔާޒު ވަނީ، ފިތުނަ ފަސާދަ އުފައްދަން ނޫޅެ އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް މަކްތަބީ ސަލަފިއްޔާ އަށް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ތިއްބެވި ދީނީ ބައެއް ޢިލްމްވެރިން ދެ ބަޔަކަށް ބެހި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށް ހަދަމުންދާއިރު ބައެއް ޢާއްމުރައްޔިތުން ތިބީވާނުވާގައެވެ. އެފަދަ މީސްމިހުންނަށް ސަލަފީ އާއި ސަލަފުން ތިބީ އޮޅިފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މަކްތަބާ ސަލަފިއްޔާ އާއި، ޖަމިއްޔަތު ސަލަފަކީ ދީނީ ޢިލްމާއި، އިސްލާމީ ދަޢުވާ ފެތުރުމުގައި ރާއްޖޭގައި މަސައްކަތްކުރައްވާ ދިވެހި ދީނީ ދެޖަމިއްޔާކަމުގައި ވިޔަސް އެއީ ދީނީ ގޮތުން ފިކުރު ތަފާތު މުޅިން ދެބައެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close