ސައޫދީ އަރަބިއްޔާގެ ރަސްގެފާނުގެ ބޭބޭފުޅު ހޯމަދުވަހު އަވަހާރަވުމާ ގުޅިގެން ސައޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، އަމީރު މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ހޯމަ ދުވަހު އަވަހާރަވެފައިވާއިރު، އެމަނިކުފާނަށް ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި މަރުޙޫމުގެ ދަރިކަލުން އަމީރު މަންސޫރު ބިން މުތްޢަބު ބިން ޢަބުދުލް ޢަޒީޒާއި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އޭގެ އިތުރުން، މި ދަނޑިވަޅުގައި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސައޫދީ އަކީ ދިވެހިރާއްޖެއާއި ވަރަށް ގާތްބަދަހި ގުޅުމެއް އޮންނަ ޤައުމެކެވެ. ކޮންމެ ސަރުކާރަކުންވެސް އަންނަނީ އެ ގުޅުން އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...