ދީން ނަފްސުގެ ޤިޞާސް ހިފޭނެ ޙާލަތު

ނަފްސުގެ ޤިޞާސް ހިފޭނެ ޙާލަތު

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ޢަބްދުއްސައްތާރު މުޙައްމަދު

އަޅުގަނޑު ވާހަކަދައްކަން މިއުޅޭ މަޢުޟޫއަކީ އިސްލާމީ ޝަރީޢާގައިވާ ގޮތުން ނަފްސުގެ ޤިޞާސް ހިފޭނެ ޙާލަތުގެ މައްޗަށެވެ. އިބްރާހީމް ރަޝީދު މޫސާ (2015) ބަޔާން ކުރައްވާފައިވާ ގޮތުން ޤިޞާޞްގެ ޝަރުޢީ މާނައަކީ މީހަކު މަރާލި ގޮތަށް އެމީހާ މަރާލުމުވެ. މާނައަކީ މަޤްތޫލަށް (މަރުވި މީހާއަށް) ކުރި ކަންތައް ޤާތިލަށް (ޖަރީމާ ހިންގި މީހާއަށް) ކުރުމެވެ. މައުމޫން ޢަބްދުލްޤައްޔޫމް (2017) ވިދާޅުވެފައިވާ ގޮތުގައި ޤިޞާސްގެ މާނައަކީ ކުރި ކުށާ އެއްވަރުގެ އަދަބެއް ދިނުމެވެ. އެހެންކަމުން ނަފްސުގެ ޤިޞާޞް ހިފުމުގެ މާނައަކީ މަރަށް މަރު ހިފުމެވެ.

އިންސާނުންގެ ނަފްސާއި ފުރާނަ ހިމާޔަތް ކުރުމަކީ އިސްލާމީ ޝަރީޢާގެ މުހިއްމު އެއް މަޤްޞަދެވެ. ޤާތިލާއި މަޤްތޫލުގެ ކިބައިގާ ޝަރުޢީ ގޮތުން ވަކި ޝަރުޠުތަކެއް ފުރިހަމަ ވާނަމަ ނަފްސުގެ ޤިޞާޞް ތަންފީޒުކުރުން ވާޖިބުވާ އެއްސަބަބަކީ މިއެވެ. އަދަބެއްގެ ގޮތުން ޤިޞާސް ހިފުމަކީ އިސްލާމީ ޝަރީޢާގައި ތަންފީޒުކުރެވޭ، އަދި ޤުރުއާނާއި ސުންނަތުން ސާބިތުކުރެވިފައިވާ އަދަބެކެވެ. ބަޤަރާ ސޫރަތުގެ 178 އަދި 179 ވަނަ އާޔަތުގެ މާނައިގައިވަނީ ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.  އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ(ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، 2007،ޞ.55).

މި އަދަބު ތަންފީޒުކުރުމުގައި ޤާނޫނީ ނަޒަރަކުން ބަލާއިރު ދެ ޓެސްޓަކުން ފާސް ވާން ޖެހޭނެއެވެ. ނުވަތަ ދެ އުންސުރެއް ފުރިހަމަ ވެފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތު ވާން ޖެހޭނެއެވެ. އެ ދެ ޓެސްޓަކީ ކުށުގެ ޢަމަލުގައި ފުރިހަމަވާންޖެހޭ ރުކުންތަކާއި ޝަރުޢީ އަދި ތަންފީޒުކުރުމުގެ މަރުޙަލާގެ ޝަރުތުތަކެވެ. މި މަޒުމޫނުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވާނީ މިދެންނެވުނު ދެބަޔަށެވެ.

އިސްލާމީ ފިޤްހް ޢިލްމުވެރީންގެ ބަޔާންކުރުންތަކަށް ބަލާއިރު، އިންސާނަކު ކުރާ ޢަމަލެއްގެ ނަތީޖާއިން އަނެއް އިންސާނަކު މަރުވުމުގައި އޮންނަނީ ދެޙާލަތެއް ނުވަތަ ދެ ބާވަތެއް ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. އެ ދެ ބާވަތަކީ ޤަތުލުލް ޢަމްދު އާއި ޤަތުލުލް ޚަޠައު އެވެ. މަޝްހޫރު 4 އިމާމުންގެ ތެރެއިން އިމާމު މާލިކުގެފާނު ބަޔާން ކުރައްވާފައިވާ ގޮތަކީވެސް މިއެވެ. ނަމަވެސް މި ދެބައިގެ ތެރެއިން އިތުރު ކަފި ވުމެއް ޖުމްހޫރު ޢިލްމުވެރިން ގެންނަވައެވެ. އެއީ ޝިބުހުލް ޢަމްދު އެވެ. އިބްރާހީމް ރަޝީދު މޫސާ،2015. “ޖިނާއީ ފިޤްހު”. ޞ: 74 ގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޝާފިޢީންނާއި ޙަނަފީއިންނާއި ޙަންބަލީންނާއި، ޒައިދީން ޤަބޫލުކުރާ ގޮތުގައި ޝިބުހުލް ޢަމްދު، ކީރިތި ރަސޫލާގެ ސުންނަތުންނާއި ޞަޙާބީންގެ ޢަމަލުފުޅުތަކުން ސާބިތުކުރެވެއެވެ. އެއީ އެއީ ޢާއްމު ގޮތެއްގައި މަރުނުވާ ބާވަތުގެ އާލާތެއް ބޭނުންކުރުމުން މަރުވާ މަރުވުމަށް “ޝިބުހުލް ޢަމްދު” ގެ ނަން ކީރިތި ރަސޫލާ ދެއްވާފައިވާތީއެވެ. މި މައުޟޫޢުގައި ވާހަކަ ދައްކާއިރު އެ 3 ބާވަތުގެ މަރުތައް، ފިޤްހް ޢިލްމުވެރީން ވަކި ކުރައްވާފައިވާ ގޮތް އެނގުން މުހިއްމު ވާނެތީ އެންމެ ފުރަތަމައިން މި ބަލައިލަނީ އެ ތިން ބާވަތަށެވެ.

1. ޤަތުލުލް ޢަމްދު

އެންމެ ޢާއްމުކޮށް މާނަކޮށް އުޅޭ ގޮތަށް ބަލާއިރު ނުވަތަ މި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަލާއިރު މިއީ ޤަޞްދުގައި މީހަކު މެރުމެވެ. އިތުރު ތަފްޞީލަށް ޖެހިލާނަމަ މީގެ މާނައަކީ ޢާއްމު ޙާލަތުގައި މީހަކު މަރުވާފަދަ އާލާތެއް ބޭނުން ކޮށްގެން، މަރާލުމުގެ ނިޔަތް އޮވެ، މީހަކަށް ހަމަލާދީ މަރާލުމެވެ. މިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައިވާ ގޮތުންނަމަ އެއީ މީހަކު މަރުވާފަދަ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ޤަޞްދުގައި މީހަކު މެރުމެވެ. ފިޤްހު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުން ހަތިޔާރެއް ބޭނުން ނުކުރި ނަމަވެސް މަރާލުމުގެ ޤަޞްދު އޮވެ ކުރާކަމަކުންވެސް މީހަކު މަރުވެއްޖެ ނަމަ ޤަތުލް ޢަމްދަކަށް ބެލެވެއެވެ. މީގެ މިސާލަކީ ފަތަން ނޭންގޭ މީހަކު ޤަޞްދުގައި ކަނޑަށް ވައްޓާލައިގެން މެރުން އުސްތަނަކުން މީހަކު ކޮށްޕާލައި ވައްޓާލައިގެން ނުވަތަ ނޭވާ ހާސްކޮށްލައިގެން މެރުމެވެ.  

2. ޤަތުލުލް ޚަޠައު

ޢާއްމު މާނައިގައި ނަމަ މިއީ އެކްސިޑެންޓަކުން މީހަކު މަރުވުން ކަމުގައި ބެލެވެއެވެ. މީގެ މާނައަކީ މީހަކު މެރުމެއް ނުވަތަ ކުށެއްކުރުމުގެ ނިޔަތް ނެތި ކުރާ ހުއްދަ ޢަމަލެއްގެ ނަތިޖާއިން މީހަކު މަރުވުމުވެ. ފިޤްހު އިލްމުވެރީންގެ ބަޔާން ކުރުންތަކަށް ބަލާއިރު މީގެ މާނައަކަށް ވަނީ މީހަކު ކުރާ ހުއްދަ ކަމަކުން، ނުވަތަ އޮޅުމަކުން ކުރެވޭ ޢަމަލަކުން އެހެން މީހަކު މަރުވުމެވެ. އެހެންކަމުން މި ޙާލަތަކީ ޤަތުލުލް ޢަމްދު ގެ އިދިކޮޅު ޙާލަތެވެ. ޢިލްމުވެރީންގެ ރަޢުޔުތަކަށް ބަލާއިރު ޤަތުލުލް ޚަތައުގެ އިތުރު ކަފިވުންތަކެއް ވެއެވެ. އެ ކަފިވުން ބުރަވެފައިވަނީ ޢަމަލުގައި އޮޅުން އެރުމާއި ނިޔަތުގައި އޮޅުން އެރުމުގެ މައްޗަށެވެ. މީގެ ސާފު މިސާލަކަށް ބަލާނަމަ ޑިއުޓީއަށް ހުރި ސިފައިންގެ މީހެއްގެ އަތުގައި އޮތް ބަޑިއަކުން އޮޅުމަކުން ޖެހޭ ވަޒަނެއް އަރައިގެން ލޭ މައުސޫމް މީހަކު މަރުވުން ހިމެނެއެވެ. އެހެނީ މި ޙާލަތުގައި ވަޒަނެއް ފޮނުވާލުމުގެ ނިޔަތެއް އަދި މީހަކު މަރާލުމުގެ ނިޔަތެއްވެސް ޤާތިލުގެ ކިބަޔަކު ނޯންނާނެއެވެ.

3. ޝިބުހުލް ޢަމްދު

ކުރިން މިދެންނެވި 2 ބައިގެ ތެރެއިން 3 ވަނަ ބައިކުރުމަކަށް ޝިބުހުލް ޢަމްދު ވެފައިވަނީ ބައެއް ޙާލަތުގައި ޤަތުލު ޚަޠައުއަކާ ވައްތަރުވުމާއި އަނެއްބައި ޙާލަތުގައި ޤަޠުލު ޢަމްދަކާ ވައްތަރު ވާތީއެވެ. މިޙާލަތުގެ މިސާލަކީ މީހަކު މަރާލުމުގެ ޤަޞްދު ނެތި، ކުރާ ހުއްދަ ނޫން ޢަމަލަކުން އެހެން މީހަކު މަރުވުމެވެ. ނުވަތަ ޢާއްމު ހާލަތުގައި އެ އެއްޗެއް ބޭނުންކޮށްގެން ޖަރީމާއެއް ހިންގި ނަމަވެސް މީހަކު މަރުނުވާފަދަ އާލާތެއް ބޭނުންކޮށް ދެވޭ ހަމަލާއަކުން މީހަކު މަރުވުމެވެ. މިސާލަކަށް ބަލާނަމަ މީހެއްގެ ގަޔަށް އެ މީހެއްގެ ނުރުހުމުގައި އަތްލުމަކީ ކުށަކަށް ވާއިރު، ރުޅިވެރިކަމާއެކު މީހަކު ކޮށްޕާލުމުން ނުވަތަ ޢާއްމު ޙާލަތުގައި މީހަކު މަރުނުވާފަދަ އާލާތަކުން ހަމަލާއެއް ދިނުމުން ވެއްޓި ތަނެއްގައި ބޯ ޖެހި ބޯފަޅައިގެން ދިއުމުން ސިކުނޑިއަށް ލޭ އެޅި އޭގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ފުރާނަ ދިއުން ހިމެނެއެވެ. މި މިސާލަށް ބަލާއިރު ކުށްކުރި މީހާގެ ޢަމަލުގައި މަރާލުމުގެ ޤަޞްދު ނެތަސް ޖަރީމާގެ ޤަޞްދު އޮތުމުން ފެންނަ ފެނުމަށް އެއީ ޤަތުލު ޢަމްދަކާ ވައްތަރުވެއެވެ. އެހެންކަމުން މި ޙާލަތުގައި ބެލެވޭނީ ޝިބުހުލް ޢަމްދަކަށެވެ.

މި ބަލާލެވުނު 3 ޙާލަތު ކަށަވަރުކުރުމަށް ވަކި ރުކުންތަކެއް ފިޤްހު އިލްމުވެރިން ބަޔާން ކުރައްވައެވެ. ނަމަވެސް އަޅުގަނޑުގެ މި މަޒުމޫނުގައި ބަލާލެވިފައި މިވަނީ ނަފްސުގެ ޤިޞާސް ހިފުމުގެ ޙާލަތުގެ މައްޗަށް ކަމަށްވާތީ، ދެން ބަލާލާނީ، ޤަތުލުލް ޢަމްދުގައި ފުރިހަމަ ވާންޖެހޭކަމަށް ޢިލްމުވެރީން ބަޔާން ކުރައްވާފައިވާ ރުކުންތަކަށެވެ. އެހެނީ، ފިޤްހު ޢިލްމުވެރީން އިއްތިފާޤު ވެލައްވާފައިވާ ގޮތުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ރުކުންތައް ފުރިހަމަވުމާއެކު ހަމައެކަނި ޤަތުލުލް ޢަމްދެއްކަން ސާބިތު ކުރެވިގެން މެނުވީ ނަފްސުގެ ޤިޞާޞް ތަންފީޒު ނުކުރެވޭނެއެވެ. ހަމައެކަނި ޤަތުލުލް ޢަމްދެއްކަން ސާބިތު ކުރެވިގެން މެނުވީއޭ ބުނެވޭ ބަހުގެ މައުނައީ ޤަތުލުލް ޚަތައު އަދި ޝިބުހުލް ޢަމްދުގެ ޙާލަތުގައިވެސް ނަފްސުގެ ޤިޞާޞް ތަންފީޒު ނުކުރެވޭނެއެވެ. ވުމާއެކު މި މަޒުމޫނުގައި ޝިބުހުލް ޢަމްދާއި ޤަތުލުލް ޚަޠައުގެ ރުކުންތަކަށް ބަލާލެވިފައެއް ނުވާނެއެވެ.

ޢާއްމު ގޮތެއްގައި ޤަތުލުލް ޢަމްދަކަށް ވުމުގައި 4 ރުކުނެއް ފުރިހަމަ ވާންޖެހެއެވެ. އެއީ ޤާތިލަކީ މުކައްލަފަކަށް ވުމާއި މަޤްތޫލުގެ ލެއަކީ މައުސޫމް އެއްޗަކަށް ވުމާއި ޤާތިލު ބޭނުންކުރި އާލާތަކީ މީހަކު މަރާލެވޭފަދަ އާލާތަކަށް ވުމާއި ކުށް ސާބިތު ކުރެވޭވަރަށް ފުރިހަމަ ހެކި ލިބިފައި ހުރުމެވެ.

މިތަނުގައި މުކައްލަފެކޭ ބުނެފައި އެ ވާ ބަހުގެ މާނައަކީ ޝަރުޢީ ގޮތުން ބާލިޣުވެފައި ވުމާއި ބުއްދި ސަލާމަތުން ހުރުމަށެވެ. ލޭ މައުސޫމުވުންކަމަށް ބުނެފައި އެވަނީ ޢަދުލުވެރި ޝަރީޢަތަކުން މަރަން ހުކުމްކުރެވިފައި ތިބޭ މީހުން ފަދަ ޝަރުޢީ އެއްވެސް ހަމައެއް ނެތި އެ މީހެއްގެ ލޭ ހުއްދަކުރެވިފައި ނުވާ ފަރާތްތަކަށެވެ. ފިޤްހު ޢިލްމުވެރީންގެ ރަޢުޔުތަކަށް ބަލާއިރު މަރާލަން ބޭނުންކުރި އާލާތަކީ އެ އެއްޗަކުން މީހަކު ގައިގައި ޖެހުމުން މީހަކު މަރުވެދާނެކަމަށް ބެލެވޭ އެއްޗެއްކަމަށް ބުރަވެވޭނީ، ޢުރުފީ ގޮތުން ބަލާއިރު އެ އާލާތަކީ މީހަކު މަރާލެވޭފަދަ އާލާތަކަށް ވާ އެއްޗެއްސަށެވެ. ކުށް ސާބިތުކުރުމުގައި އެންމެ ފުރިހަމަ ހެއްކަކީ އެއްވެސް މަޖުބޫރު ކަމެއްނެތި ޞައްޙަ ގޮތުގައި ޤާޟީ ކުރިމަތީގައިވާ އިޢުތިރާފެވެ. ނުވަތަ އެއީ ޢަދުލުވެރި 2 ހެކިންގެ ހެކިބަހަށް ވާންޖެހޭނެއެވެ. މިރުކުންތައް ފުރިހަމަ ނުވާނަމަ ޤާތިލުގެ މައްޗަށް ނަފްސުގެ ޤިޞާޞް ތަންފީޒު ނުކުރެވޭނެއެވެ. އެހެނީ މި ރުކުންތައް ފުރިހަމަ ނުވާ ޤަތުލަކީ ޤަތުލުލް ޢަމްދަކަށް ނުވާނެއެވެ.

މަތީގައި ބަޔާން ކުރެވިފައިވާ 3 ބާވަތުގެ މަރުގެ ތެރެއިން ޤަތުލުލް ޢަމްދެއްކަން ރުކުންތަކުން ސާބިތު ވުމަށް ފަހު ނަފްސުގެ ޤިޞާޞް ތަންފީޒު ކުރުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާން ޖެހޭނެއެވެ. މި ޝަރުޠުތައް ފުރިހަމަ ނުވާނަމަ އެއީ ޤަތުލުލް ޢަމްދެއްކަމުގައި ވިއަސް މަރަށް މަރު ނުހިފޭނެއެވެ.

ޤާތިލުގެ ފުރަތަމަ ޝަރުޠަކީ ބުއްދި ސަލާމަތުން ހުރުމެވެ. އެހެންކަމުން ނަފްސުގެ ޤިޞާޞް ތަންފީޒުކުރުމަށްޓަކައި ޤާތިލަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަން ކަށަވަރު ކުރަންޖެހޭނެއެވެ. އެހެނީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި މޮޔަ މީހާގެ މައްޗަކަށް ނަފްސުގެ ޤިޞާޞް ތަންފީޒު ނުކުރެވޭނެކަމަށް ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވައެވެ. ބުއްދި ސަލާމަތުން ހުރިތޯ ބަލާނީ ޖަރީމާ ހިންގި ވަގުތު ޤާތިލުގެ ބުއްދި ހުރި ހާލަތަށެވެ. މަސްތުވުމަކީ ބުއްދިފިލައި ދާ ކަމަކަށް ވީނަމަވެސް އަމިއްލަ އިޚްތިޔާރުގައި މަސްތުވެފައިހުރެގެން މީހަކު މަރާލައިފިނަމަ އެކަމަށް ޤާތިލު ޖާމިނު ވާންޖެހޭނެއެވެ.

ދެވަނަ ރުކުނަކީ ބާލިޣުވުމެވެ. ޤާތިލަކީ ޝަރުޢީގޮތުން ކުޑަކުއްޖެއްނަމަ އޭނާގެ މައްޗަށް ނަފްސުގެ ޤިޞާޞް ތަންފީޒެއް ނުކުރެވޭނެއެވެ.

ތިންވަނަ ރުކުނަކީ މަޤްޠޫލްއަކީ މައުޞޫމް މީހަކަށް ވުމެވެ. މީގެ މާނައަކީ އެ މީހެއްގެ ލޭ ހުއްދަވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. މިސާލަކަށް ޝަރުޢީ ހުރިހާ ޝަރުތަކާއި ރުކުންތަކެއް ފުރިހަމަވެ ނަފްސުގެ ޤިޞާޞް ހިފަން ޢަދުލުވެރި ޝަރީޢަތަކުން ޙުކުމް ކަނޑައަޅާފައި ހުރި މީހަކީ މައުޞޫމު މީހެއް ނޫނެވެ. އެހެންކަމުން އެފަދަ މިހަކު މަރާލި ޤާތިލުގެ މައްޗަށް ނަފްސުގެ ޤިޞާސް ތަންފިޒު ނުކުރެވޭނެއެވެ.

ހަތަރުވަނަ ރުކުނަކީ އަމިއްލަ އިޚްތިޔާރުގައި ހިންގި ޢަމަލަކަށް ވުމެވެ. ޤާތިލުގެ އަމިއްލަ އިޚްތިޔާރު އޮތުމޭ ބުނެވޭ ބަހުގެ މައްޗަށް ޢިލްމުވެރީންގެ ރަޢުޔު ތަފާތުވެފައިވެއެވެ. މި ތަފާތުކުރުން ބުރަވެފައިވަނީ މަޖުބޫރު ވުމާއި ނުވުމުގެ މައްޗަށެވެ. ފިޤްހު ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތުގައި އަދަބު ދެވެނީ ފުރިހަމަ އިޚްތިޔާރު ލިބިގެން ކުރާ ކަންތަކަށެވެ.

ފަސްވަނަ ރުކުނަކީ ޤާތިލަކީ މަޤްތޫލުގެ ފަރްޢު އެއް ކަމުގައި ނުވުމެވެ. މީގެ މާނައަކީ މަރުވި މީހާއަކީ (މަޤްތޫލަކީ) ޖަރީމާ ހިންގި މީހާގެ (ޤާތިލުގެ) މަންމަ ނުވަތަ ބައްޕަ ކަމުގައި ނުވުމެވެ. އެހެނީ ދަރިއަކު އޭނާގެ ބައްޕަ ނުވަތަ މަންމަ މަރާލައިގެން ޤިޞާޞް ނުހިފޭނެކަމަށް ޖުމްހޫރު ޢިލްވެރިން ބަޔާން ކުރައްވާފައި ވެއެވެ.

މީގެ އިތުރުން މަޤްތޫލުގެ ވާރުތަވެރިން، އެއްވެސް ޝަރުތެއް ނުވަތަ އިސްތިސްނާއެއް ނެތި ނަފްސުގެ ޤިޞްޞް ޤާތިލުގެ ކިބައިން ހިފަން ބޭނުންވާކަން ކަށަވަރު ކުރަން ވާނެއެވެ. ހަމައެހެންމެ ތަޙްޤީޤްގެ މަރުޙަލާއިން ފެށިގެން ޝަރީޢަތް ހިންގާ ޙުކުމް ކުރުމާހަމައަށް ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމުގައި އެއްވެސް ޝައްކެއް ކިތައްމެ ކުޑަވެސް އޮޅުމެއް ނެތް ވަރަށް ހުރިހާ އިޖުރާޢަތެއް ފުރިހަމަވެފައި ވުމަކީވެސް، ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ޝަރުޠެއްކަމަށް ފިޤްހު ޢިލްވެރިން ބަޔާން ކުރައްވައެވެ.

މަތީގައި ބަޔާން މި ކުރެވުނު ރުކުންތަކާއި ޝަރުޠުތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޢަދުލުވެރި ޝަރީޢަތެއްގައި، ޤާތިލުގެ މައްޗަށް ސާބިތު ވެއްޖެނަމަ އިސްލާމީ ޝަރީޢާގައި އޮތް ދުނިޔެވީ މަދަނީ އަދަބަކީ ޤިޞާޞް ހިފުންކަމުގައި ފިޤްހު ޢިލްމުވެރީން ބަޔާން ކުރައްވާފައި ވެއެވެ.

ޓެގް

މަރުގެޙުކުމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.