ޚަބަރު

މިދިޔަ އޮގަސްޓު މަހު އެކަނިވެސް 168 މައްސަލަ ޖެންޑަރ އަށް ހުށަހަޅާފައިވޭ

މިދިޔަ އޮގަސްޓުމަހު އެކަނިވެސް  މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 168 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެހެންނަމަވެސް އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިއީ ޖުލައި 2019ގައި ހުށަހެޅުނު ޖުމުލަ މައްސަލައަށް ވުރެ 21 އިންސައްތަ މަދު އަދަދެއެއް ކަމަށެވެ. އަދި ޖޫން 2019ގައި ހުށަހެޅުނު ޖުމުލަ މައްސަލައަށް ވުރެ 30 އިންސައްތަ މަދު އަދަދެއެއް ކަމަށްވެސް      ބުނެފައިވެއެވެ.

އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ރިޕޯޓްގައިވާގޮތަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން  

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 2 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ 14 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 6 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 5 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުޑަކުދިން

  • އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 4 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ގޮތުން ކޮންމެ ދާއިރާއަކުން 8 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން، ބާރާއި ނުފޫޒު ފޯރުވުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 1 މައްސަލައެވެ.  

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 9 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close