ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނެތް – ރައީސް

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެންމެއެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި މިހާތަނަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފިޔަވަޅު އެޅިފައިނުވާކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައިވަނީ އޭގެ ސަބަބުން ރާއްޖެފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުންކަމަށެވެ.

އެމަނިކުފާނު ވަނީ، އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ “މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް” މޮޑެލަކީ، މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ މި މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާސިލުކުރެވޭނެ ފަދަ ވަށައިޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށާ، މިމޮޑެލަކީ ޤުދުރަތީ ޙައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއާއެކު ދިވެހިރާއްޖެއިން 2023ގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރަޙައްދީ ގުޅުންތައް ބަދަހިވެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާގޮތަށް ޤަވާޢިދުތަކުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އދ.ގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.

މި ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވެ، ޤައުމުތަކުން ގުޅިގެން ޤައުމުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close