ނ.ލަންދޫގައި ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯހެއް ބްލޮކް މޯޑަށް ހިންގުމަށް މިއަދު އިޢުލާންކޮށްފިއެވެ.
މިއަދު ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން ކުރި އިޢުލާނުގައިވާގޮތުން މިކޯހުގައި އަސާސީ ތަޢުލީމުގެ ފެންވަރުހުރި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.
މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހަފުތާ ބަންދު ދުވަސްތަކުގައިކަމަށާއި މިކޯހުގައި ކިޔަވައިދެއްވުމަށް ދުރުވާނީ ދާރުލް ޤުރްއާން ވައްސުންނަގެ ފަރާތުން މާލޭގައި ކިޔަވައިދެއްވާ އުސްތާޛުންކަމަށްވެސް މި އިޢުލާނުގައިވެއެވެ.
އިޢުލާންއާއި ބެހޭގޮތުން ނާރެސްއަށް އިތުރު މަޢުލޫމާތު ދެއްވަމުން ޓީ.ކިޔު.އައިގެ މަސްޢޫލުުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވީ މިކޯހުގެ މުއްދަތަކީ 1 މަސްދުވަސްކަމަށާއި މިކޯހުގައި އަންހެން ބޭފުޅުންނަށާއި ފިރިހެން ބޭފުޅުންނަށްވެސް ބައިވެރިވެލެއްވޭނެކަމަށެވެ.
މިކޯހުގެ ފީއަކީ 1500 ރުފިޔާކަމަށާއި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައިކަމުން ރަށުން ބޭރުން ދުރުވާ ބޭފުޅުންނަށްވެސް ކޯހުގައި ކިޔެވުމުގެ ފުރުޞަތު ފަސޭހަވެގެންދާނެކަމަށެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 ސެޕްޓެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނަންނޯޓް ކުރައްވަން ޖެހޭނެކަމަށާއި ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ 9933266 ނަންބަރުފޯނަށް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...