ޚަބަރު

ނ.އަތޮޅު މަދަރުސާގެ މުވައްޒަފުން ތަޖުރިބާ ހޯދުމަށް ލަންދޫސްކޫލަށް!

ނ.މަނަދޫގައި ހުންނަ ނ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލާއި، އެމަދަރުސާގެ މުވައްޒަފުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ނ.ލަންދޫ ސްކޫލަށް އިއްޔެ ދަތުރެއްކޮށްފިއެވެ.

ނާރެސްމީޑިއަށް މަޢުލޫމާތު ދެއްވަމުން ނ.އަތޮޅު މަދަރުސާގެ އިސްއޮފިޝަލަކު ވިދާޅުވީ މިދަތުރުގެ މައިގަނޑު ބޭނުމަކީ ލަންދޫސްކޫލްގައި ކުރިއަށްގެންދާ “ތީމެޓިކް އެޕްރޯޗް” ގެ މަޢުލޫމާތު ހޯދުމެވެ. އަދި މިދަތުރަކީ ނ.އަތޮޅު މަދަރުސާގެ މިއަހަރުގެ 3 ވަނަ ޕީޑީޑޭގެ ގޮތުގައި އިއްޔެ ހަމަޖެއްސުމާއެކު ޕީޑީ ޕްރޮގްރާމްގެ ތެރެއިން ޓީޗަރުންނަށާއި، މުވައްޒަފުން އިތުރު މަޢުލޫމާތު ހޯދައިދިނުމަށް ކުރި ދަތުރެއްގަކަމުގައި ކަމަށްވެސް ނ.އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވައެވެ.

މި ދަތުރުގައި ނ.އަތޮޅު މަދަރުސާގެ 34 މުވައްޒަފުން ބައިވެރިވެފައިވާއިރު ލަންދޫސްކޫލުން އެސްކޫލްގެ މުވައްޒަފުންނާއި، ބެލެނިވެރިން ވަނީ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ލަންދޫ ސްކޫލުން ބުނީ ނ.އަތޮޅު މަދަރުސާގެ މުވައްޒަފުންގެ ޓީމް ލަންދޫސްކޫލަށް އައުމަކީ އެސްކޫލްގެ މުވައްޒަފުންނާއި، ބެލެނިވެރިން އެކަން ވަރަށް އުފަލާއެކު ބަލައިގަތް ކަމެއްކަމަށެވެ. އަދި އަތޮޅުގެ ބޮޑު ސްކޫލަކުން ލަންދޫސްކޫލްކަހަލަ އާދައިގެ ސްކޫލަކަށް ތަޖްރިބާ ހޯދުމަށް ދަތުރެއް ކުރުމަކީ ލަންދޫސްކޫލްގެ ވެރިންނާއި މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ކަމާޢެކު ކުރިއަރަމުންދާ ކަމުގެ އަލިގަދަ ހެއްކެތްކަމަށް ޤަބޫލުކުރާކަމަށެވެ.

ލަންދޫ ސްކޫލަކީ 2016 ވަނައަހަރުން ފެށިގެން ކިޔަވައިދިނުމުގެ ޢާއްމު އުޞޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތީމެޓިކް އެޕްރޯޗަށް ކާމިޔާބު ކަމާއެކު ކިޔަވައިދެމުން އަންނަ ސްކޫލެއް ކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.

އިއްޔެގެ މި ދަތުރުގައި އޮތް މަޢުލޫމާތު ޝެއަރިން ސެޝަނެއްގައި ވާހަކަ ދައްކަވަމުން ނ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް ޢަބުދުﷲ ޢީސާ ވިދާޅުވީ ލަންދޫސްކޫލްގެ ސްޓާފުންނާއި، ބެލެނިވެރިންގެ ފަރާތުން ލިބުނު މެހްމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ސްކޫލް ތެރޭން ފެނިގެންދިޔަ އެންމެހައި ކަންކަމުން ދޭހަވަނީ އެއްބައިވަންތަ ޚިދުމަތްތެރި މުވައްޒަފުން ތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބީއަށް ވާޞިލުވާން ހުރަސްތަކެއް ނެތްކަން ކަމަށެވެ.

އިއްޔެގެ ދަތުރު ނިންމާލުމަށްފަހު ބައިވެރިން ލަންދޫން ފުރީ މެންދުރުފަހު 2:45 ހާއިރުއެވެ.   

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close