ލިޔުނީ: މުޙައްމަދު ޢުލުވާން
މިހާރަކަށް އައިސް ބައެއް ފިރިން އެމީހުންގެ އަނބިންނަށް އެކަށީގެންނުވާވަރަށް ބާރުފޯރުވާ، އެމީހުންގެ މައްޗަށް ނުފޫޒުފޯރުވައި އަމިއްލަ އެދުން އިސްކުރާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. މިދެންނެވީ އިސްލާމްދީނުގައި ފިރިމީހާއަށް އަނބިމީހާގެ މައްޗަށް ބާރުތަކެއް ލިބިގެން ނުވާ ވާހަކައެއް ނޫނެވެ. ނަމަވެސް ޝަރުޢީގޮތުން ލިބިފައިވާ ބާރަކީ އޭގައި މަޞްލަޙަތާއި ލޯތްބާއި އޯގާތެރިކަން އެކުލެވިގެންވާ ބާރެކެވެ. ނަމަވެސް މިހާރަކަށްއައިސް މިއާ ޚިލާފަށް ބައެއް ފިރިން އަނބިމީހާގެ މައްޗަށް އަމިއްލަ ނަފުސުގެ އެދުންތައް އިސްކޮށް އޭނާ ނިކަމެތިކޮށްލާތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ދެއްކެވި މަގެއް ނޫނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނުހަނު އޯގާތެރި ލޯބިވެތި ބޭފުޅެކެވެ. އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކަންކަމުގައާއި، އެހެން ހުރިހާކަމެއްގައިވެސް އަމިއްލަ އެދުމުން ދުރުވެވަޑައިގެންފައެވެ.އަދި އަނބިއަނބިކަނބަލުންނާއިއެކު ވަރަށް ގާތްކޮށް ވާހަކަފުޅުދައްކަވާ، ހީ، ސާމާސާކުރައްވާ، ކުޅިވަރުކުޅެ ހެއްދެވިއެވެ.
މާތް ރަސޫލާގެ މަތިވެރި ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެން އެދަނީ އަނބިމީހާޔާ ފިރިމީހާ ދެމެދު އޮންނަންޖެހޭ ކިހާ ފުރިހަމަ ލޯބިވެތިކަމެއްތޯއެވެ. އަނބިމީހާއަށް ލޯބި ލޯބި ކުރުނަމެއް ކިޔާލުމަކީ، އަޅުގަނޑުމެންނަށް ވަރަށް ފަހުން ނޫނީ އެނގިފައިވާ ކަމެއްނޫނެވެ. ނަމަވެސް މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން މަތިވެރި ރަސޫލާ އަޅުގަނޑުމެންނަށް ވަނީ ލޯބިވެތިކަމުގެ މަތިވެރި ނަމޫނާ ދައްކަވާފައެވެ. އެ މަތިވެރި ނަމޫނާއަށް ބެލުމެއްނެތި، އެހެން ދިމަދިމާލަށް ބަރޯސާވެ، ލޯހިންގާނަމަ އަބަދުވެސް ޖެހޭނީ ޝައިޠާނާގެ ކެހިވެރި މަޅީގައެވެ.
އިސްލާމް ދީން ދަސްކޮށްދެނީ، މީހުންނަށް އޯގާތެރިވެ، ކަމޭ ހިތާށެވެ. ފުއްޞިލަތު ސޫރަތުގެ 34-35 ވަނަ އާޔަތުގެ މާނައިގައިވަނީ، “ﷲގެ ޙަޟްރަތަށް އައުމަށް ގޮވާލައި، އަދި ޞާލިޙް ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ ﷲއަށް ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކު ހެއްޔެވެ؟ ރަނގަޅު ކަންތަކާއި، ނުބައި ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެމާތް ސިފަ ލިބިއެއް ނުގަނެވޭނެއެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ މާތް ސިފަ ލިބިއެއް ނުގަނެވޭނެތެވެ.”
ކުރުގޮތަކަށް ބުނާނަމަ އަނބިންނަށް އޯގާތެރިވުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ރަސޫލާގެ މި މާތް ނަމޫނާތަކަށް ބަލައި ޢިބުރަތެއް ލިބިގަންނަން ޖެހެއެވެ. ބަލަންވީކީ ހުޅަނގުގެ މީހުން އެމީހުންގެ އަނބިންނަށް ހިތާ އިހާނެތި ގޮތެއް ނޫނެވެ. އަދި އޯގާތެރިކަމުގެ ނަމުގައި އެކިޔާ “ރޮމޭންޓިކް” ވުންވެސް އިސްލާމްދީނުގައި އޮވެއެވެ. ނަމަވެސް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިންނެވެ. އަނބިންނަށް އޯގާތެރިނޫން މީހުންނަކީ ކުރުގޮތަކަށް ބުނާނަމަ ފިނޑިންނެވެ.


