ލިޔުނީ: މުޙައްމަދު ޒައިދު
ކީރިތި ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމް އަކީ މުޅި އިންސާނިއްޔަތު ދުށް އެންމެ މާތް ޝަހްސިއްޔަތު ކަމަށާއި ދީނީގޮތުންނާއި ދުނިޔަވީ ހަމަތަކާ ދިރިއުޅުމުގެ މުއާމަލާތުގެ ނަޒަރިއްޔާތުން ބެލިޔަސް އިތުރު އެކަލޭގެފާނަކީ ދުނިޔޭގެ ތާރީޚުގައި ފާހަގަކުރެވޭނެ އެންމެ ކާމިޔާބު އިންސާނާ ކަމަށެވެ. އަދި އެކަމަކީ އިންސާފުވެރިކަމާއެކު ވިސްނައި ދިރާސާކުރާ ކޮންމެ އިންސާނަކުވެސް ގަބޫލުކޮށް ހެކިވާނެ ހަގީގަތެއް ކަމަށެވެ.ކީރިތި ގުރުއާނުގެ އާޔަތްތަކުން އެނގި ކަށަވަރުވާގޮތުގައި ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ނަބީކަމައިގެންވެސް އަދި ރަސޫލުކަމައިގެންވެސް ފޮނުއްވުނީ އާލަމްތަކަށް ރަހްމަތެއް ކަމުގައި ކަމަށާއި އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކާ އަމަލުފުޅަކީ މީސްތަކުންނަށް އަގުހުރި ނަމޫނާއެއް ކަމަށެވެ.
ތާރީޚު ދެކެފައިވާ އެންމެ މަތިވެރި ޝަޚުޞިއްޔަތެއްގެ ގޮތުން މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އިންތިޚާބުކުރުމަކީ ބައެއް މީހުން އަޖައިބުވާނެކަމެއްކަން ނޭނގެއެވެ. ބައެއްމީހުން އެކަމާ ދެކޮޅު ހަދާނެ ކަންވެސްނޭނގެއެވެ. ނަމަވެސް ހަޤީޤަތަކީ މުޅި އިންސާނީ ތާރީޚުގައި ވެސް އެކަލޭގެފާނަކީ ދީނީގޮތުންނާއި ދުނިޔެވީ ގޮތުން މިސާލެއްނެތް ފަދަ ކާމިޔާބެއް ހޯއްދެވި ހަމައެކަނި ޝަޚުޞިއްޔަތެވެ.
ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީގައިވެސް މުޙައްމަދުގެފާނަކީ ތެދުވެރިކަމަށް އަރާހުންނެވި ބޭފުޅެއް އެކަލޭގެފާނުގެ ތެދުވެރިކަން މުޝްރިކުންވެސް ޤަބޫލުކުރެއެވެ. މިކަން އެމީހުންގެ ވާހަކަ ތަކުންނާއި، ޢަމަލުތަކުން ކަށަވަރުވެއެވެ.އެމީހުންގެ އިލާހުތަކުގެ ޙައްޤުގައި އެކަލޭގެފާނަކީ ދޮގުވެރި ، މަކަރުވެރި ސިހުރުވެރިއެއް ކަމަށް ހެދިއެވެ. އެކަލޭގެފާނުގެ ރިސާލަތު ތަބުލީޣު ކުރެއްވުމަށް ނުކުރައްވާ އެއްވެސް ކަމެއްނެތެވެ. ބުރަހުރި ވޭން ތަޙައްމަލުކުރެއްވިއެވެ. މަލާމާތް ރައްދުވިއެވެ. އެކަމަކުވެސް އެކަލޭގެފާނު ޘާބިތުކަމާއި އެކު އިސްލާމީ ރިސާލަތު ފެތުރުއްވުމަށްޓަކައި ޢަރަބި ކަރާގައި ދަތުރުކުރެއްވިއެވެ. އަދި އެކަރައިން ބޭރުގައި ހިރަޤުލާއި، ނަޖާޝީ އަދި ކިސްރާ ފަދަ ބޭފުޅުންނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ.
ދެން މި ހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ބިނާކުރާނީ ، ދުނިޔޭގެ ތަފާތު ވިސްނުންތެރިން ، ކީރިތި ރަސޫލާއާމެދު އަދި ރަސޫލާކުރެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކާމެދު ދެކެވަޑައިގެން ހާމަކުރައްވާފައިވާ ބައެއް ވާހަކަތަކުގެމައްޗަށެވެ.ކީރިތި ރަސޫލާގެ ރިވެތި އަޚުލާޤީ ސިފަތަކަށް އެއްބަސްވަނީކީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އެންމެހައި މީސްތަކުން މިކަމަށް ހެކިވާނެއެވެ.” ތާރީޚުގައި ދީނީގޮތުންނާއި، ދުނިޔެވީ ގޮތުން ބެލިކަމުގައިވިޔަސް އިންތިހާ ދަރަޖައިގެ ކާމިޔާބީއެއް ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ މުޙައްމަދުގެފާނެވެ”.މިބަހުން ދަލީލު ކޮށްދޭ ގޮތުގައި ހަމަބުއްދި ލިބިހުރި ކޮންމެ މީހަކަށް ކީރިތި ރަސޫލާގެ ރިސާލަތުގެ ތެދުކަން އެގެއެވެ.
މާތްﷲ މި އުންމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަލޭގެފާނު ގެނެސްދެއްވި އަދި އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި މާތް ނަމޫނާގައި ހިފެހެއްޓުމަކީ މިއަދު ކުރުން މުހިންމު ކަމެކެވެ. ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަކީ، މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދެއްވުމުގެ އެންމެ ރިވެތި ނަމޫނާއެވެ.ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފިލާވަޅުކަން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެއެވެ.
މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ކީރިތި ރަސޫލާ އެ ދެއްކެވި މާތް ނަމޫނާގައި ހިފަހައްޓައި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި އުސޫލުތަކުގައި ނުގުޑާފަދަ ޢަޒުމަކާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން

