ލިޔުނީ : އައިޝަތު އިނޫޝާ
އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީނެވެ. އަހަރެމެންގެ ހަޔާތުގައި ދިމާވާ ހުރިހާ މައްސަލަ ތަކެއްގެ ހައްލު ހޯދައިދޭ ދީނެވެ. އެދީނެއްގައި ސާބިތުވެއްޖެ ނަމަ، ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ލިބޭނެ ދީނެވެ. އަހަރެމެންނަށް ތެދުމަގު ތެދުމަގު ދައްކައިދިން ދީނެވެ. އޯގާތެރިކަމުގެ ދީނެވެ.
އިސްލާމްދީން އެންމެ ބާރު އަޅާ އެއްކަމަކީ ރިވެތި އަޚްލާޤުގެ މަތިވެރި ސިފަ ތަކުން ޒީނަތްތެރިވުމެވެ. އެގޮތުން އެންމެ މާތް ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަކީ އޯގާތެރިކަމެވެ. މިއީ އިސްލާމްދީން ވަރަށް ބާރުއަޅާ މާތް ސިފައެކެވެ. އެގޮތުން އަލްއިމާމްބުޚާރީ އެކަލޭގެފާނުގެ ޙަދީޘް ފޮތް (ޞަޙީޙުލް ބުޚާރީ) ގައި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވާ ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“މީހަކު ހިނގާފައިދިޔަ މަގުމަތީގައި އޭނާ ވަރަށް ބޮޑަށް ފެންބޮވައިގަނެ ކަރު ހިއްކައި ގަނެއްޖެއެވެ. ދެންފަހެ އޭނާ ވަޅަކަށް ފައިބައި ފެންބޮއި ހަދައިފިއެވެ. އަދި އޭނާ ވަޅުން އެރި ހިނދު ވަރަށްވެސް އަޖައިބު ކުރުވަނިވި މަންޒަރެއް އޭނާއަށް ފެނިގެން ދިޔައެވެ. އެއީ ކަރު ހިއްކައި ގަތުމުގެ ސަބަބުން ދޫނިކުމެފައިވާ ކުއްތާއެއް ބިންމަތީގައި ހުރި ތެތް ކިސަޑުތަކެއް ކަމުންދިޔަ މަންޒަރެވެ. ފަހެ އޭނާގެ އަމިއްލަ ނަފްސަށް ބުންޏެވެ. “ހަމަކަށަވަރުން މިސޮރު މިވަނީ ތިމަންނައަށް ދިމާވި ފަދައިން ދިމާވެފައެވެ. (އެބަހީ ފެންބޮވައިގެންފައެވެ.)”
(ދެންފަހެ އޭނާ އެވަޅަށް ފައިބައި) އޭނާގެ ޚުއްފު (ޖަނަވާރުގެ ހަމުން ހަދާފައިވާ އިސްޓާކީނު) ފުރެންދެން ފެން އަޅައިފިއެވެ. އަދި އެޚުއްފު އޭނާގެ ތުނބުލައިގެން ވަޅުން އަރައި (ފެން ބޮވައިގެންފައިވާ) އެ ކުއްތާއަށް ފެންދީފިއެވެ. ފަހެ ﷲ ތަޢާލާ (އޭނާގެ އެޢަމަލުގެ މައްޗަށް) އޭނައަށް ޝުކުރުވެރިވެ ވޮޑިގެންފިއެވެ. އަދި އޭނާގެ އެންމެހާ ފާފަތައް އެކަލާނގެ ފުއްސަވައި ދެއްވައިފި ވެސް މެއެވެ.”
ދެންފަހެ ޞަޙާބީ ބޭކަލުން ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާ އެވެ! ހަމަކަށަވަރުން ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން އަޅުގަނޑުމެންނަށް އަޖުރު (ޘަވާބު) ލިބެނީ ތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ދިރޭ ކޮންމެ އެއްޗެއްގެ ފުށުން ތިޔަބައިމީހުންނަށް އަޖުރު ލިބޭ ހުއްޓެވެ.”
ދިރޭ ތަކެއްޗަށް އޯގާތެރިކޮށް ހިތުމުގެ މާތްކަމާއި މަތިވެރިކަން އިސްވެދިޔަ ޙަދީޘުން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެއެވެ. އެހެނީ އިސްވެދިޔަ ޙަދީޘުގައިވާ މީހާގެ ފާފަތައް ފުއްސެވީ، ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެން ދިނުމުގެ ސަބަބުން އެމީހާއަށް ﷲ ތަޢާލާގެ ރުއްސެވެވުމާއި ވޮޑިގަތުން ޙާޞިލްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވީމާ މި ޙަދީޘުން ޢިބުރަތް ލިބިގަންނާށެވެ. އަދި އޯގާތެރިވުމުގައި ފަސްނުޖެހޭށެވެ.