ނޮވެމްބަރު 3، 1988 ގައި ބަޑިޖަހައި 19 ދިވެއްސެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލި ނުރައްކާތެރި ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވަނިކޮށް އޭގެ ނުވަ އަހަރު ފަހުން މިވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.
ލުތުފީ ރޭ ރާއްޖެ ގެނެސްފައިވާއިރު އޭނާ ހުޅުލޭ އެއާޕޯޓުން ނިކުމެގެން ފުލުހުންގެ ވެހިކަލަށް އެރުމާއި ހަމައަށް ބައެއް ޓީވީ ޗެނަލްތަކުންނާއި އާންމުން އައީ އެ މަންޒަރު ލައިވް ކޮށް ދުރަށް ދައްކަމުންނެވެ. ނޫސްތަކުން ލުތުފީގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ.
މަންޒަރު ބަލަންތިބި ގިނަ މީހުން ސުވާލުއުފައްދަމުން ދިޔައީ އެފަދަ ނުރައްކާތެރި ކުށްވެރިޔަކު ހައްޔަރުކުރިއިރު އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާގެ އަތުގައި ބިޑި އަޅުވާފައި ނުވާތީއެވެ. ބައެއްމީހުން ގޮވަމުން ދިޔައީ ބާޣީ ލުތުފީ އަށް އެންމެ ހިނދުކޮޅަކަށްވެސް އަމާންކަމެއް ދީގެންނުވާނެކަމަށެވެ. އެފަދަ މީހަކު މުޅިޢުމަރަށްވެސް ހުންނަންވާނީ ބިޑިއަޅުވާފަ ފުރިހަމަ ހައްޔަރުގައި ކަމުގައެވެ.
އެހެންނަމަވެސް ރޭ އެއަރޕޯޓުން ލުތުފީ ފެނުނުއިރު އޭނާހީވަނީ ފިލްމްސްޓާރެއް ހެންނެވެ. ފުލުހުންގެ ފުރިހަމަ ސެކިއުރިޓީގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައި މެހްމާނެއް ހެންނެވެ. ލުތުފީގެ މޫނުމަތިންވެސް އެއްވެސް ކަހަލަ ހާސްކަމެއް ފެންނާކަށްނެތެވެ. އެއީ ލުތުފީކަމަށް ބައެއް މީހުން ޤަބޫލެއްވެސް ނުކުރިއެވެ.
ކޮންމެއަކަސް ލުތުފީ އަތުގައި ބިޑިނޭޅުވި ކީއްވެތޯ ކުރާ ސުވާލުގެ ޖަވާބު މިއޮތީ ލިބިފައެވެ. އެމައުލޫމާތު ނާރެސް މީޑިއާއާއި ހިއްސާކުރި ވަރަށް މުޢުތަބަރު ބޭފުޅަކު ނޫހުގައި ނަންނުޖެހުމަށް ޝަރުތު ކުރައްވާ ވިދާޅުވީ ލުތުފީއަކީ ކަނާތު އަތް ކޮނޑުހުޅުން ނައްޓާފައި ހުރި މީހެއްކަމުން އެސަބަބަށްޓަކައި ބިޑިއެޅުވުން މަނާ މީހެއްކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ލުތުފީއަށް އެ އަނިޔާއެއް ލިބުނީ 3 ނޮވެމްބަރުގެ ހާދިސާއާއި ގުޅިގެން އޭނާ ހައްޔަރު ކުރުމުގައި އޭރުގެ ސިފައިންގެ ބޭފުޅުންގެ ފަރާތުން ކަމަށެވެ. އަދި އެ އަނިޔާ ލިބުމާގުޅިގެން ލުތުފީ ޑޮކްޓަރަށް ދެއްކުމުން މުޅިޢުމުރަށް ލުތުފީގެ އަތުގައި ބިޑިއެޅުވުން މަނާކުރާ ލިޔުމެއް ޑޮކްޓަރުންގެ ޓީމަކުން ދީފައިވާކަމަށެވެ. އެހެންވެ އޭގެފަހުން ސަލާމަތީ ބާރުތަކުން އެއްވެސް އިރެއްގައި ލުތުފީގެ އަތުގައި ބިޑިއަޅުވާފައި ނުވާނެކަމަށްވެސް ނާރެސްމީޑިއާއަށް މަޢުލޫމާތު ދެއްވި ބޭފުޅާވިދާޅުވިއެވެ.
ގިނަބަޔަކު ހީކޮށްގެން ތިބީ ރޭ ލުތުފީ ފުރަތަމަ ފެންނައިރު އޭނާ ހުންނާނީ ފުރަގަހަށް ބިޑިއަޅުވާފައި ވަރަށްބޮޑަށް ސެކިއުރިޓީ ކުރެވިފައި ކަމަށެވެ. ނަމަވެސް މަންޒަރު ފެނިގެންދިޔައީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން ގެނެސް ކަރެޝަނަލް ސަރވިސްއާއި ޙަވާލުކުރުމާއި ހަމައަށް އަދި އޭގެ ފަހުންވެސް އޭނާގެ އަތުގައި ބިޑިއަޅުވާފައެއް ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...