ޚަބަރު

ލަންދޫ ކަލަންޑަރ 2020 ށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ލަންދޫ ކަލަންޑަރ 2020 ށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލައިފަނީ މިއަދު ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން ކޮށްފައިވާ އިޢުލާނެއްގައެވެ.

ލަންދޫއަށް ޚާއްޞަކޮށްގެން ޓީ.ކިޔު.އައިން ކަލަންޑަރ ނެރެންފެށީ މިދިޔަ އަހަރުއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ކަލަންޑަރ ފަރުމާކޮށް ޕްރިންޓްކޮށްގެން ގެނައުމުގެ ތެރޭގައި ނ.މާަޅެންދޫ ބޯޓަށް ދިމާވި ހިތާމަވެރި ކާރިސާގައި ގެއްލިފައިވީނަމަވެސް ފަހުންވެސް ވަނީ ކަލަންޑަރ ތަޢާރަފު ކުރުމުގެ ގޮތުން ޓީ.ކިޔު.އައި އަށް ހެޔޮ އެދިލައްވާ ބައެއް ފަރާތްތަކަށް ކަލަންޑަރ ފޯރުކޮށްދީފައެވެ.

2020 ގެ ކަލަންޑަރ ނެރުމަށް ޓީ.ކިޔު.އައި ތައްޔާރުވާން ފަށާފައިވާއިރު މިއަދު މިވަނީ އެ ކަލަންޑަރގައި ހިމަނާނެ ފޮޓޯ ހުށަހެޅުމަށް ފުރުޞަތު ހުޅާވާލައިފައެވެ.

މިއަދު ޓީ.ކިޔު.އައިން ކުރި އިޢުލާނުގައި ބުނެފައިވަނީ ހުށަހަޅަން ބޭނުންވާ ފޮޓޯތައް ފޭސްބުކަށް ނުވަތަ އިންސްޓަރ ގުރާމަށް އަޕްލޯޑް ކުރުމަށެވެ. އަދި އަޕްލޯޑްކުރުމުގެ ކުރިން #TQICalendar2020 މި ހޭޝްޓެގް ބޭނުންކުރުމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ފޮޓޯ ހުށަހެޅޭނީ ހަމައެކަނި ލަންދޫގެ ރައްޔިތުންނަށެވެ. އަދި ފޮޓޯގައި ހުންނަންވާ ޝަރުޠުތަކެއްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ. އެ ޝަރުޠުތައް ތިރީގައި އެވަނީއެވެ.

ހުށަހަޅުއްވާ ފޮޓޯތަކުގައި ހުންނަންޖެހޭ ބައެއް ޝަރުޠުތައް:-

  1. ފޮޓޯގައި ނ.ލަންދޫގެ މަންޒަރެއް ހިމެނިފައިވުން.
  2. ޤުދުރަތީ މަންޒަރު އެކުލެވޭ ފޮޓޯ (މިސާލަކަށް:- އިރުއޮއްސޭމަންޒަރު، އިރުއަރާމަންޒަރު، ބީޗު ސަރަޙައްދު، މިފަދަ ކޮންމެ ތަނެއް)
  3. ލަންދޫގެ ކުރީގެ ފޮޓޯތައް (ބޮޑަށް ރަނގަޅީ މީހުން ނުހިމެނޭފޮޓޯ)
  4. ލަންދޫގެ ޚާއްޞަ ޢިމާރާތްތަކާއި އާސާރީ ތަންތަނާއި ދުވަސްވީ ތަންތަނުގެ ފޮޓޯ.
  5. ހުށަހަޅުއްވާ ފޮޓޯ އަކީ ހުށަހަޅުއްވާ ފަރާތުގެ އަމިއްލަ ފޮޓޯއަކަށް ވުން
  6. އެހެން ފަރާތެއްގެ ފޮޓޯއެއް ނަމަ އެފަރާތުގެ އިޢުތިރާޒެއް ނެއްކަން ކަވަރު ކުރުމަށްފަހު އެފަރާތަށް ކްރެޑިޓް ލިބޭގޮތަށް ފޮޓޯ ހުށަހެޅުން
  7. މީގެ ކުރިން އެއްވެސް މުބާރާތެއްގައި ބޭނުންކޮށްފައިވާ ފޮޓޯ އަކަށް ނުވުން.

ފޮޓޯ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 29 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ހުށަހަޅުއްވާ ފޮޓޯތަކުގެ ތެރެއިން ޓީ.ކިޔު.އައިގެ ވޯލްކަލަންޑަރ 2020 ގައި ހިމެނުމަށް 12 ފޮޓޯއެއް ނެގިގެންދާނެއެވެ. ފޮޓޯ ހޮވުމުގައި ފޮޓޯއަށް ލިބޭ ލައިކްސްއަށް ބެލެވޭނެއެވެ. އެގޮތުން ލިބޭ ލައިކްސްއަށް %60 ލިބޭނެއެވެ. އަދި އަނެއް %40 ލިބޭނީ ޓީ.ކިޔު.އައިން އެކަމަށް ކަނޑައަޅާ ކޮމެޓީން ނިންމާގޮތަކަށް ބަލާފައެވެ. ހޮވޭ ކޮންމެ ފޮޓޯއަކަށް 100 ރުފިޔާ ލިބިގެންދާނެކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close