ޚަބަރު

ޓީ.ކިޔު.އައިން ފުޑްފެއަރ އެއް ބާއްވަނީ

ލަންދޫ ބަރާބަރުހަޓާއި ލަންދޫ އިސްލާމިކް ފްރޮންޓް ފޯރ އެޑިއުކޭޝަން އާއި ލަންދޫ ސްކޫލާއި ލަންދޫ ހެލްތު ސެންޓަރާއި ލަންދޫ ކައުންސިލާއި ލަންދޫ ކެފޭޑިލައިވް ޖަޒީރާ އާއި ލަންދޫ ޕޮލިސް އާއި ލަންދޫ ފެނަކަ ބްރާންޗާއި ޔޫ.ޓޫ.ޖޭ އެކަޑަމީ އާއި ނާަރެސް މީޑިޔާ އާއި އަދި ބަގަ ހަޓާއި ގުޅިގެން ޓީ.ކިޔު.އައިން އިންތިޒާމުކޮށްގެން ފުޑް ފެއަރ އެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާނުކޮށްފިއެވެ.

ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާަދު ނާރެސް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ޓީ.ކިޔު.އައިގެ 3 ވަނަ ޤުރްއާން މުބާރާތަށް ފައިސާހޯދުމަށް ބޭއްވޭ ޚާއްޞަ އިވެންޓެއްކަމަށެވެ. މި އިވެންޓް ބޭއްވުމަށް ނިންމެވީ އިންސްޓިޓިއުޓުގެ މުބާރާތްތަކާއިބެހޭ ކޮމެޓީންކަަމަށެވެ. އެގޮތުން މި އިވެންޓަށް ޚަރަދު ކުރާނީ ޓީ.ކިޔު.އައިންކަމަށާއި މި އިވެންޓަށް ޓީ.ކިޔު.އައިން ތަކެތި ދިނުމުން ޓީ.ކިޔު.އައިގެ ވަރަށް ވަރަށް ގިނަ ބެލެނިވެރިންވަނީ ތަކެތި ހަދައިދިނުމަށް ނިންމާފައިކަންވެސް ޢަލީ ޒިޔާދު ވަަރަށް އުފަލާއެކު ފާހަގަކުރެއްވިއެވެ.

މިފަދަ ކޮންމެ ކަމެއްގައިވެސް އިންސްޓިޓިއުޓުގެ ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބޭކަމަށާއި ނިމިގެންދިޔަ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއިންވެސް އެކަން ވަރަށްބޮޑަށް ހާމަވެގެން ދިޔަކަމަށެވެ.

މި ފުޑްފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2019 ވާ ހޮނިހިރު ދުވަހުކަމަށާއި، މި އިވެންޓް އެދުވަހުގެ ހަވީރު އަދި ރޭގަނޑުވެސް ކުރިޔަށްދާނެކަމަށް ޢަލީ ޒިޔާދު ވިދާޅުވިއެވެ. މި އިވެންޓުގައި ހަވީރު ޚާއްޞަ ކުރެވިފައިވަނީ ކުޑަކުދިންނަށްކަމަށާއި އެހެންނަމަވެސް ކުޑަކުދިންނާއިއެކު އާއިލާތައް އޮތްގޮތަށް ބައިވެރިވެވޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. އަދި ރޭގަނޑު ބޮޑަތި މީހުންނަށް ޚާއްޞަ ކުރެވިފައިވާއިރު، ރޭގަނޑު ވަރަށް ޚާއްޞަ ކެއުންތަކެއް ހުންނާނެކަމަށާއި ރޭގަނޑުގެ އިވެންޓް އެރޭ 23:00 ހަމައަށް ކުރިޔަށްދާނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މިކަމުގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ހުރިހާ ފަރާތްތަކަށް ޒިޔާދުވަނީ ވަރަށް ޚާއްޞަ ޝުކުރެއްއަދާކޮށް ހެޔޮދުޢާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close