ޚަބަރު

ރާއްޖޭގައި ވަޒީފާ އަދާނުކުރާ ޒުވާނުންގެ ނިސްބަތް 22 އިންސައްތައަށް އަރައިފި – ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ރާއްޖޭގައި ވަޒީފާ އަދާނުކުރާ ޒުވާނުންގެ ނިސްބަތް 22 އިންސައްތައަށް އަރާފައިވާކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވަޒީފާގެ ބާޒަރަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ކުރިއަށްގެންދާ “ހުނަރުވެނި” ސްކިލްސް ޝޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ވިހާވެސް ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ މިސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ.

“ހުނަރުވެނި 2019” އަކީ ރާއްޖޭގެ ވަޒީފާގެ މައިދާނަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި، ތަމްރީން ފުރުޞަތުތާކައި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ޒުވާނުންނާއި، ސްކޫލް ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ މައިދާނަށް ބަލާލުމުން ފެނިގެންދަނީ އެހާ ހިތްހަމަޖެހޭ މަންޒަރެއް ނޫންކަމަށެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދުވެސް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާކަމަށެވެ. އެގޮތުން ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު މިހާރު 22 އިންސައްތައަށް އަރާފައިވާކަމަށާއި، މިއީ އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންވެސް ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ސްކޫލް ދައުރު ނިންމާ ވަޒީފާގެ މާހައުލަށް ނުކުންނައިރު، ބޭނުންވާ ތަފާތު ހުނަރުތައް، ސްކޫލް ދައުރުގައި ދަސްކޮށްދެވިގެން ނޫނީ، ތަފާތު ވަޒީފާތަކަށް ޒުވާނުންގެ ހިތް ނުޖެއްސުވޭނެކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ބޭނުންވާ ތަފާތު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހާޝިމް ވިދާޅުވީ، ހުނަރުވެނި ސްކިލްސް ޝޯގެ ތެރެއިން ދިވެހިންގެ ތެރޭގައި ހުރި އެކި ކަހަލަ ފަންނީ، ސިނާޢީ އަދި ސަޤާފީ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ލިބިގެންދާނެކަމަށެވެ. އަދި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާތަކާއި، އެން.ޖީ.އޯތައް ހިމެނޭހެން 40 ފަރާތަކުން ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ޒުވާނުންނަށާއި، ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު ހުނަރުތައް ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތާއި، ކަންކަމުގެ ފަންނީ ތަޖުރިބާކާރުންނާއި ބައްދަލުކޮށް، އެމީހުންގެ ފަރާތުން ކަންކަން އޮޅުންފިލުވުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ހުނަރުވެނިގެ ފުރަތަމަ ޝޯ މާލޭގައި ބޭއްވިނަމަވެސް، މި ޝޯވ އަތޮޅުތަކަށް ފުޅާކުރުމަކީ އަމާޒެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close