ޚަބަރު ނ.ލަންދޫން އެއް ޢާއިލާއެއްގެ 5 ކުޑަކުދިން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށަށް ގެންގޮސްފި

ނ.ލަންދޫން އެއް ޢާއިލާއެއްގެ 5 ކުޑަކުދިން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫން އެއް ޢާއިލާއެއްގެ 5 ކުޑަކުދިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޢުމުރުން 2 މަސްވެސް ނުފުރޭ ކުއްޖަކާއެކު މި 5 ކުދިން އެކުދިންގެ މަންމައާއި، ބައްޕަގެ އަތުން ނަގައި މިނިސްޓްރީގެ ބެލުމުގެ ދަށަށްގެންދިޔައީ އެކުދިންނަށް ރައްކައުތެރި މާހައުލެއް ޤާއިމް ކޮށްދިނުމަށް ކަމަށް ޖެންޑާރ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ލީގަލް އޮފިސަރަކު ނާރެސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލަންދޫން 5 ކުޑަކުއްޖަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގިފައި ތިބިކަމަށެވެ. އަދި އެކުދިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގީ އެކުދިން މިހާރު ދިރިއުޅޭ މާހައުލަކީ އެކުދިންނަށް އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންމާއި ބައްޕަވެސް ގަދަވެ ހެޔޮޙާލުގައި ވަނިކޮށް ޢުމުރުން 2 މަސްވެސްނުފުރޭ ތުއްތު ކުއްޖަކާއެކު 5 ކުޑަކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ ލަންދޫގެ ބައެއް ޢާއްމު ރައްޔިތުންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނާގޮތުން ބުއްބޯ ވަރުގެ ކުޑަކުއްޖަކު މައިމީހާއާއި، ވަކިކޮށްލުމަކީ އެންމެ ރަގަޅުގޮތް ކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

އިއްޔެ ހަވީރު 4 ވެސް ޖެހިފަހުން ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނާއި އަދި ލަންދޫ ކައުންސިލްގެ މެންބަރުން ގުޅިގެން އެކުދިންތައް ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައްޔިތުންގެ ތެރެއިން ިގިނަބަޔަކު ވަނީ އިއްޔެ ބަނދަރަށް ނިކުމެފައި

އެކުދިން ލަންދޫން ގެންދިޔައިރު ލަންދޫ ރައްޔިތުން ކަހަލަ ގޮތަކަށް ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. އަދި އެކުދިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާތީ އެކުދިންގެ ބައްޕަ ވަރަށްބޮޑަށް އެކަމާ ދެކޮޅު ހެދިކަމަށް މަންޒަރު ދުށްމީހުން ވަނީ ބުނެފައެވެ.

އަދި މިއަދު ލަންދޫން ވާހަކަ ދެއްކިމީހަކު ބުނީ އެކުދިން މިނިސްޓްރީގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާތީ އެކުދިންގެ މަންމަވެސް ބައްޕަވެސް މިއަދު އެކަމާ ހިތާމަކޮށް ރޮއި ހަދާކަމުގައެވެ.

ޓެގް

ޖެންޑަރމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.