މޯދީގެ ފުރަތަމަ ދަތުރުފުޅު ރާއްޖެއަށް
ބޮޑު އަޣުލަބިއްޔަތަކުން ދެވަނަދައުރަކަށް އިންޑިޔާގެ ބޮޑުވަޒީރުކަން ދިފާއުކުރެއްވުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އަންނަމަހު 7 ވަނަދުވަހު ދިވެހިރާއްޖެއަށް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރެއްވުމުން، މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ޖޫން 7 ވަނަ ދުވަހު ވަޑައިގަންނަވާނެ ކަމަށެވެ. އަދި މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނެ ކަމަށެވެ.
އިންޑިއާގެ އާއްމު އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރުމާއި ގުޅިގެން ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވައި މަރުޚަބާ ވިދާޅުވެފައި ވާއިރު މަޖިލިސްގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގެންނެވުމުން މޯދީވެސް ވަނީ މަރުޙަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

