ޓީ.ކިޔު.އައިގެ ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ ދެވަނަ މުބާރާތް ނިންމާލާ ނަތީޖާ ފައުޅުކޮށްފި
ޓީ.ކިޔު.އައިގެ ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ ދެވަނަ މުބާރާތް ނިންމާލާ އިއްޔެ ހަވީރު ނަތީޖާ ފައުޅުކޮށްފިއެވެ.
މިކަމަށްޓަކައި ލަންދޫ ސްކޫލް ހޯލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ނ.މަނަދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ޢީސަ އެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ނ.މާފަރު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙަންމަދު އަދުނާނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުބާރާތުގެ ޝަރަފުވެރި މެހުމާން އަލްފާޟިލް ޢަބްދުﷲ ޢީސަ ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިންސާނުން ބިނާކުރުމުގެ މަސައްކަތަކީ ވަރަށް ބުރަ އެހާމެ ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެކަމަށްޓަކައި ޝަރަފުވެރި މެހުމާން ވަނީ ޓީ.ކިޔު.އައިއަށް ވަރަށް ތަޢުރީފުކުރައްވާ ޓީ.ކިޔު.އައިގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދުއަށް ވަރަށް ހިތްވަރުދެއްވާ ތަޢުރީފުކުރައްވާފައެވެ.
މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީ.ކިޔު.އައިގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވީ މިއީ ވަރަށް ތަފާތު މުބާރާތެއް ކަމަށާއި ޓީ.ކިޔު.އައިގެ މަސްޢޫލިއްޔަތަކީ ހަމައެކަނި ކުދިންނަށް ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވައިދިނުން ނޫންކަމަށާއި އެ ޤުރްއާން ތިލާވަތު ކުރަންޖެހޭ ތަންތަނަށް ކުދިން ހާނުވާ ހޭލުންތެރި ކުރުވުންކަމަށެވެ. މިދިޔަ އަހަރުގެ މުބާރާތަށްވުރެ އެތައްތަނަކުން މި މުބާރާތުގެ ފެންވަރު ރަނގަޅުވާނެކަމަށާއި އުންމީދަކީ އަންނައަހަރުވެސް މިއަށްވުރެވެސް ފެންވަރު ރަނގަޅުކޮށް މި މުބާރާތް ބޭއްވުން ކަމަށެވެ.
މި މުބާރާތުގައި 17 ދަރިވަރަކުވަނީ ބައިވެރިވެ ޚުޠުބާ ކިޔައި ބަންގި ގޮވާފައެވެ.
ޓީ.ކިޔު.އައިގެ ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ މުބާރާތުން ބަންގި ގޮވުމުގެ ބައިން 1 ވަނައަށް ގޮސްފައިވަނީ ޓީ.ކިޔު.އައިގެ ލެވެލް 11 ގައި ކިޔަވާ ދަރިވަރު އިބްރާހީމް ވިޝާލް އެވެ. ދެވަނައަށް އެ އިންސްޓިޓިއުޓުގެ ލެވެލް 11 ގެ އިބްރާހީމް ފައިރޫޝް ގޮސްފައިވާއިރު 3 ވަނައަށް ގޮސްފައިވަނީ އެ އިންސްޓިޓިއުޓުގެ ލެވެލް 11 ގެ ދަރިވަރު މުޙަންމަދު އަނޫފް ޢަލީ އެވެ.
މި މުބާރާތުގެ ޚުޠުބާ ކިޔުމުގެ ބައިން ފަޚުރުވެރި 1 ވަނަ ޙާޞިލްކޮށްފައިވަނީ އެ އިންސްޓިޓިއުޓުގެ ލެވެލް 11 ގެ ދަރިވަރު މުޙަންމަދު މައިޝަން އެވެ. 2 ވަނައަށް އެ އިންސްޓިޓިއުޓުގެ ލެވެލް 11 ގެ ދަރިވަރު ޙަސަން ޒަޔާން ގޮސްފައިވާއިރު 3 ވަނައަށް ގޮސްފައިވަނީ ބަންގި ގޮވުމުންވެސް 3 ވަނައަށް ދިޔަ ދަރިވަރު މުޙަންމަދު އަނޫފް ޢަލީ އެވެ.
މި މުބާރާތުން ދެބައިންވެސް 1 ވަނައަށް ދިޔަ ދަރިވަރުންނަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު 2 ވަނައަށް ދިޔަ ދަރިވަރުންނަށް 1450 ރުފިޔާވަނީ ދީފައެވެ. އަދި 3 ވަނައަށް ދިޔަ ކޮންމެ ދަރިވަރަކަށްވަނީ 800 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މީގެ އިތުރުން ޓީ.ކިޔު.އައިގެ ފަރާތުން ޚާއްޞަ ޓްރޮފީއަކާއި ހަނދާނީ ލިޔުންވެސްވަނީ ދީފައެވެ.
މީގެ އިތުރަށް މުބާރާތުގައި ބައިވެރިވެފައިވާ ކޮންމެ ދަރިވަރަކަށް ހަނދާނީ ލިޔުންވަނީ ދީފައެވެ. އަދި މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވި ގިނަ ޢަދަދެއްގެ ފަރާތްތަކަށްވެސްވަނީ ހަނދާނީ ލިޔުން ދީފައިވާއިރު މުބާރާތުގައި ފަނޑިޔާރުކަންކޮށްދީފައިވާ ފަރާތްތަކަށްވެސްވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ނ.މަނަދޫ ސްކޫލްގެ ޤުރްއާން މުދައްރިސް އަލްފާޟިލް ޢަބްދުﷲ ޖަމީލް އާއި ނ.މަނަދޫގައި އަމިއްލަ ޤުރްއާން ކުލާހެއް ހިންގަވަމުން ގެންދަވާ ޤުރްއާން މުދައްރިސް އަލްފާޟިލް ސަޢީދު ޢަބްދުލް ރަޙްމާން އާއި ނ.މާފަރު، ގާފިލާ، އަލްފާޟިލް އަޙްމަދު ޢަބްދުލް މަޖީދު އާއި ލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އިސްމާޢީލް އިބްރާހީމް އެވެ.
އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެކަމަށް ޓީ.ކިޔު.އައިން ހާމަކުރައްވައެވެ.









