ޚަބަރު

ޓީވީއެމް އަހަރީދުވަހުގެ މުނާސަބަތުގައި “ހޭޔަންބޯ” ގައި ރައީސް ޞާލިޙް

މިއަދަކީ ޓީވީއެމްގެ 41 ވަނައަހަރީ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ޓީވީއެމްގެ ޕްރޮގްރާމްތައްވަނީ ޚާއްޞަކޮށްފައެވެ. އެގޮތުން މިއަދު ( ހުކުރުދުވަހު ) އޮތް ޚާއްޞަ ޕްރޮގްރާމް ހޭޔަންބޯ ޕްރޮގްރާމްގައި ޚާއްޞަ މެހްމާނެއްގެ ގޮތުގައި ޓީވީއެމުން ދައުވަތު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށެވެ. އެޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އެމަނިކުފާނުވަނީ ޓީވީއެމަށް ޚާއްޞަ ބަސްދީ ގަތުމެއް މިއަދު ދެއްވާފައެވެ.

ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ 41ވަނަ އަހަރީ ދުވަހު ހޭޔަންބޯ ޕްރޮގްރާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމައްޗަށް ކަމެއް ނިންމުމަށް އައުމާއެކު އެކަމަކުން ނިކުންނާނެ ނަތީޖާއާއި މެދު ވިސްނަވާކަމަށާއި، ކުއްލިއަކަށް ނިންމަންޖެހޭ ނިންމުންތަކުންވެސް ނިކުންނާނެ ނަތީޖާއަށް ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.

އެމަނިކުފާނުގެ ޢާންމު ދިރިއުޅުމުގައިވެސް އަމަލުކުރައްވަނީ އެގޮތައްކަން ފާގަކުރައްވާ ރައީސް ވިދާޅުވީ، އަވަސް އަރުވާލައިގެން ކަންކަން ނިންމުމަށްފަހު ނުވަތަ ވަކި ގޮތަކަށް ކަމެއް ނިންމުމަށްފަހު އެކަމެއް ބަދަލުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ރައްޔިތުންނަށް ވާނެކަމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

“ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑު ތަންކޮޅެއް “ސްލޮއޭ”. މާލަހޭ ސަރުކާރުގެ ދާލެއް. އަޅުގަނޑަކަށް އެތަނެއް ނުފެނޭ.ޚާއްޞަކޮށް ވެރިކމަމުގައި ހުރެ ސަރުކާރުން ކަމެއް ވަކިގޮތަކަށް ނިންމާފައިވާނަމަ، ޚާއްޞަކޮށް ހުރިހާ ރައްޔިތުންނަށް ވާގޮތަށް ކަމެއް ނިންމާފައި އެކަމެއް ނިންމާ ބަދަލުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ވާނެކަމެއް. ކަމެއް ކުރިމައްޗަށް އައުމުން ބޮޑުކަމެއް އައުމުން އެއީ ހައްލު ހޯދޭނެކަމެއްކަން އަޅުގަނޑު ޤަބޫލުކުރަނީ. މީގަ ހައްލު ހޯދޭނެ. ހައްލު ނުހޯދޭނެކަމެއް ނޯންނާނޭ. ވިސްނީމަ ހައްލު ފެންނާނޭ. ވަރަށް ޕޮޒިޓިވް މައިންޑެއްގައި ކަންތައްތައް ކުރެވެނީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވާހަކަ ދައްކަައިގެން ޙައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެއެވެ. އަދި އެމަނިކުފާނު ނިންމާ ކޮންމެ ނިންމުމެއްގައި އިސްކުރައްވާނީ ރައްޔިތުންކަމަށާއި، އެމަނިކުފާނަކީ އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބަލައި ގަންނާނީވެސް ހަޤީޤަތާއި އެއްގޮތަށް ވާހަކަދައްކާ މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ސިޔާސީ ލީޑަރުންގެ ކިބައިގައި ހުންނަޖްހޭނެކަމަށް ޤަބޫލުކުރަނީ ތެދުވެރިކަމާއެކުގައި ކަންތައްތައް ހާމަކުރުން. އޮޅުވާލުމެއް ނެތި. ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުން. ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެކަމެއް ނޯންނާނެ. ކޮންމެ ކަމެއްވެސް ހައްލުކުރެވޭނެ. އެކަންކަން އިސްކުރާފަރާތްތައް ބަލައިގަންނަނީ. ސުލްހަހާއިއެކު އޮޅުވާނުލާ ހަޤީގަތާއެއްގޮތަށް ވާހަކަދައްކާ މީހުން ބަލައިގަނެވެނީ.”

ހޭޔަންބޯ ޕްރޮގްރާމްގައި ރައީސް ވަނީ އެމަނިކުފާނު ޓީވީއެމްގައި ކުރެއްވި މަސައްކަތްޕުޅުގެ ހަދާން އާއުކުރައްވާ މިހާރުގެ މީޑިއާގެ ހާލަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ވީހާވެސް ފުޅާދާއިރާއެއްގައި މިނިވަންކަމާއެކު ފުރުޞަތު ލިބިފައި އޮތް މީޑިއާއެއްކަމަށާއި، ވަކި ފަރާތަކަށް ބުރަ ނުވެ ތެދު ހަޤީގަތް ހާމަކުރާ މީޑިއާއެއް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވަނީ ސަރުކާރުން އެއްވެސް ނުފޫޒެއް މީޑިއާއަކަށް ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close