ޚަބަރު

ބިލްތައް ފާސްވެފައި ނުވާތީ ރައީސް ޞާލިޙް އެކަމާއި ހިތާމަފުޅުކުރައްވާ – ތަރުޖަމާނު

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީއޮވެމެ، ރައްޔިތުންގެ ހެވާއި ލާބައަށް ރައީސް ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށް މަގުފަހިކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތައް ފާސްވެފައި ނުވާތީ ރައީސް ޞާލިޙް އެކަމާއި ހިތާމަފުޅުކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ޙޫދު ވިދާޅުވެއްޖެއެވެ.

ހޫދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ބަދަލުތައް ވީހާވެސް އަވަސް މުއްދަތެއްގެތެރޭގައި ގެނެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދިއުކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ޕެންޝަން ފަންޑުން ޙައްޖަށް ދެވޭނެ ގޮތް ހެދުމަށް ޕެންޝަން ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަށް ވޯޓަށް އަހާނެ ވަރަށް މެންބަރުން ހަމަނުވާ މައްސަލަ ޙައްލު ކޮށްދެއްވަން ވަޒީރުން މަސައްކަތްޕުޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަޒީރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ކެބިނެޓް ބައްދަލުވުމެއްގައި ކަމަށް ހޫދުވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަން ބިލާއި ޕެންޝަން ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙަށް ވޯޓަށް އެހުމަށް ތިން ދުވަހެއްގެ މަތިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ދުވަހަކު ވޯޓަށް އަހާނެ ޢަދަދަށް މެމްބަރުން ހަމައެއްނުވެއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސްކުރުމަށް ވަޒީރުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާއިރު، ވީ އެންމެ އަވަހަކަށް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ޕެންޝަން ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު ފާސްކޮށްދެއްވުމަށް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް މަޖިލިސް މެންބަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތީ ގިނަ ޕާޓީތައް ހިމެނޭ ކޯލިޝަނަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަކީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތައް ހިމެނޭހެން އުފައްދަވާފައިވާ ކެބިނެޓެކެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ނުނެގުނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންތަކެއް ވޯޓުގަޑީގައި ހާޒިރުނުވުމުންކަން ވަނީ ހާމަވެފައެވެ. 77 މެންބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު ސަރުކާރު ކޯލިޝަނަށް އޮންނައިރު، ކޯލިޝަންގައި ހިމެނޭ އެމް.ޑީ.ޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ހިމެނޭހެން 42 މެންބަރުން ތިއްބަވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close