ސިފައިންގެ ހުވަޔަކީ ހަމައެކަނި ވަޒީފާގެ މުއްދަތަށް ދެމިއޮންނަ ހުވައެއް ނޫން ކަމަށާއި، އެހުވަޔަކީ ޤައުމީ ޖިހާދަށް ނުކުތުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އަދި އަދި ހަޔާތުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސިފައިންގެ މީހަކަށް ވެއްޖެ މީހަކީ މުޅި ހަޔާތުގައިވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނަށް ހުވާލައި ދިނުމާއި ބަޑި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.
މިރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސިފައިން ކުރި ހުވާގައި ވަރަށް މުހިއްމު ހަތަރު ކަމަކަށް ވައުދުވި އަޑު އިވިވަޑައިގެންފިކަމަށެވެ. އެއީ ޤާނޫނު އަސާސީ ދިފާއު ކުރުމާއި، އިސްލާމްދީން ދިފާއު ކުރުމާއި، އަދި ދިވެހިރާއްޖެ ދިފާއުކުރުމާއި ދުޝްމަނުންނާއި ބާޣީންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުން ކަމަށެވެ. އަދި އެ މުހިއްމު ވާޖިބުތައް އަދާކުރުމުގައި ތެދުވެރިވާނެ ކަމަށާއި އަމާނާތްތެރިކަމުގައި ދެމި ތިބުމަށްވެސް ވަޢުދުވެފައި ވާކަމަށެވެ.
އަދި ސިފައިން ހުވާކުރަނީ އެވައުދުތައް ފުއްދުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހިނދެގައި ޤުރުބާންވުމަށްވެސް ތައްޔާރުވެ ތިބުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީފާ ބަދަލުވިޔަސް ނުވަތަ ރިޓަޔާ ކުރިޔަސް އެހުވާ ނެތިގެން ނުދާނެ ކަމަށާއި އެހުވާގެ ސަބަބުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ އާއި ދުވަހަކުވެސް ވަކި ނުވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު ބަހާއަކީ، ކުޅަދާނަ ފަހުލަމާނުން ހިމެނޭ ލަޝްކަރެއް އޮތުން ކަމަށެވެ. އަދި ސިފައިންގެ އެންމެ މުހިއްމު ވާޖިބަކީ، ތާއަބަދު ހަނގުރާމަ ކުރުން ނޫންކަމަށާއި ހަނގުރާމައިގެ ނަސްރުން ލިބޭ އުފަލަށްވުރެ މިނިވަންކަމާއި ސުލުހަވެރިކަން ޤާއިމްވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާބޮޑު ވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...