ޚަބަރު

ކުރީގެ ރައީސުންނަށް ވާދަނުކުރެވޭ އިސްލާޙް ހުށަހެޅުއްވީ އެބޭފުޅުންގެ ޝަރަފަށްޓަކައި – ލަތީފް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާޙެއް ހުށަހެޅުއްވީ އެފަރާތްތަކުގެ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް ލިބިދާނެތީ ކަމަށް އެ އިޞްލާޙު ހުށައެޅުއްވި މެންބަރު ޢަބްދުއްލަޠިފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ  ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި، މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެހެން ބޭފުޅުންނާއި ތަޖުރިބާގެ ގޮތުން އެއްހަމަ ނުވާއިރު، އެފަދަ އިންތިޚާބެއްގައި ވާދަކޮށް އެއިން ބޭފުޅަކު ނުހޮވުމަކީވެސް އެފަރާތްތަކުގެ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް ލިބިދާނެ ކަމެއްކަމަށެވެ.

މި އިސްލާޙަށް އިދިކޮޅު މެންބަރުން ތާޢީދުކުރާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުންގެ ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވީ، އެ އިޞްލާހަށް ތާޢީދުކުރެއްވުމަށް ނިންމާފައިވަނީ، ރައީސްކަން ކޮށްފައިވާ މީހަކަށް ދަޢުލަތުން ގިނަ އިނާޔަތްތަކެއް ދެއްވާތީއާއި، އެ ބޭފުޅުންނަކީ ދައުލަތާއި ރައްޔިތުންގެ ވަރަށް ޚާއްޞަ ޤަދަރެއް ލިބިވަޑައިގެން ތިއްބެވި ބަޔަކަށް ވާތީކަމަށެވެ.

އިދިކޮޅު މެންބަރުންގެ ތާޢީދު މި އިޞްލާހަށް އޮތްނަމަވެސް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ ލަޠީފްގެ އިޞްލާޙަށް އަމާޒުވެފައެވެ. އެމްޑީޕީން ވިދާޅުވެފައިވަނީ ލަޠިފް އިޞްލާޙު ހުށައަޅުއްވާފއިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ކަމަށާ، އެކަން ކާމިޔާބު ވިޔަ ނުދެއްވާނެކަމަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ މެންބަރަކު އެފަދަ އިޞްލާޙެއް ހުށައަޅުއްވާފައިވާތީއާއި އެފަދަ ބައެއް މެންބަރުންގެ ޢަމަލުތަކާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓިން އެއިޞްލާޙު އަނބުރައި ނެގުމަށް ލަޠީފަށް އަންގަވާފައި ވީނަމަވެސް އިސްލާޙު ނުނަގާނެކަމަށް ލަޠީފް ވަނީ ވިދާޅުވެފައެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close