ރާއްޖެއިން ތެޔޮ ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ރާއްޖެއިން ތެޔޮ ފެނިފައިވާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މިނިސްޓާރ ޒަހާ މިހެން ވިދާޅުވީ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، އަށްޑިހައިގެ އަހަރުތަކުގައުވެސް ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއިރުވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށާއި، ނިމިދޔަ ސަރުކާރުގައިވެސް އަލުން އެފަދަ މަސައްކަތްތަކެއް ކުރިނަމަވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަނޑުގެ އަޑިން ތެޔޮހުރިތޯ ބެލުންފަދަ ތިމާވެއްޓާ ބީރައްޓެހި ކަންކަން މި ސަރުކާރުން ރާއްޖޭގައި ނުކުރާނެކަމަށެވެ.
ރާއްޖޭގައި ތެޔޮ ހުރިކަން ޔަޤީންވެފައިވާކަމަށާއި، ނަމަވެސް ރާއްޖޭގެ ސަރަޙައްދަކުން ތެޔޮ ނެގުމުގެ މަސައްކަތް މަޑުޖައްސަވާލެއްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރިމިންވަރަށް ބެލުމަށްފަހު އެކަމަށް އެންމެ ރަނގަޅު ކޮންޓްރެކްޓަރަކު ކުރިމަތިލާނެކަމުގެ ޔަޤީންކަން ނެތުމުންކަމުގައި ކުރީ ސަރުކާރުގެ ފިޝަރީޒް މނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ކުރިން ވިދާޅުވެފައިވެއެވެ.
ޑރ.ޝައިނީގެ އެވާހަކަފުޅަށް ރައްދުދެއްވައި މިނިސްޓަރ ޒަހާ ވިދާޅުވީ، ތެޔޮ ނެގުމަކީ ރާއްޖޭގައި ދުވަހަކުވެސް ކުރެވޭނެކަމެއް ނޫންކަމަށެވެ.
ކުރީ ސަރުކާރުން ވަނީ ރާއްޖޭގައި ތެޔޮ ހުރިކަމުގެ ނިޝާންތައް ފެނިފައިވާކަމަށާއި، ތެޔޮ ނެގުމުގެ މަޝްރޫޢު ހަވާލުކުރުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...