ޚަބަރު ދިވެހި ދައުލަތް ދަރަނިވެރިވާގޮތަށް ހަދާފައިވާ އެއްބަސްވުންތައް މުރާޖަޢާކުރަނީ

ދިވެހި ދައުލަތް ދަރަނިވެރިވާގޮތަށް ހަދާފައިވާ އެއްބަސްވުންތައް މުރާޖަޢާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ޢަބުދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ދައުލަތް ދަރަނިވެރިވާގޮތަށް ނުވަތަ ޤައުމަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދަށާއި، ސިޔާދަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް މުރާޖަޢާކޮށް، އަލުން ރީ-ނެގޯޝިއޭޓްކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކާ ކަމާބެހޭ އެހެން ވުޒާރާތަކުގެ ބައިވެރިވުމާއެކު ޙާއްސަ ކޮމެޓީއެއް އެކުލަވާލާ، އެ މަސައްކަތް އެ ކޮމެޓީއާއި މިހާރު ހަވާލުކޮށްފައިވާކަމަށެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ އެފަދަ އެއްބަސްވުންތައް މުރާޖަޢާކުރުމަށްފަހު، އެ އެއްބަސްވުންތައް އެކުލަވާލާފައިވަނީ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަވާގޮތަށްތޯ ބެލުމަށް ނިންމާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ޤައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުންތަކެއްވާނަމަ، އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓްކުރުމުގެ ފުރުޞަތު އޮތް މިންވަރެއް ދެނެގަނެ، އެފަދަ ފުރުޞަތު އޮތް އެއްބަސްވުންތައް އިޞްލާޙުކުރެވޭނެކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

މި ކޮމިޓީން މުރާޖަޢާކުރަންޖެހޭ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި، ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިންގ އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކާގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. އަދި ޢާންމު ޚިދުމަތްތަކާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާގުޅޭ އެގްރީމެންޓްތައް ހިމެނޭކަމަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރެއެވެ.

ޓެގް

އެޓަރނީޖެނެރަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.