އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމު އުވާލައި، އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމުގައި ކަނޑައެޅުމަށް އަސާސީ ޤަވާޢިދަށް ހުށަހެޅި އިޞްލާޙުތައް އެ ޕާޓީގެ ޚާއްޞަ ކޮންގްރެސްއިން ފާސްކޮށްފިއެވެ.
ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ހުށަހެޅުއްވި މި ބަދަލުތައް ފާސްވީ ކޮންގްރެސްގެ 546 މަންދޫބުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
މި އިޞްލާޙުތަކުގެ ދަށުން ޗެއާޕާސަނަށް އެހެން އެއްވެސް މަޤާމެއް އަދާނުކުރެވޭ ގޮތަށް ހަމަޖައްސައި، ސިޔާސީ ކަންކަމަށް ޚާއްޞަ އައު ނައިބު ޗެއާޕާސަނެއްގެ މަޤާމު ވަނީ އުފައްދާފައެވެ. އަދި ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ހޮވޭ ރައީސުލްޖުމްހޫރިއްޔާއަކު ސަރުކާރު އެކުލަވާލުމާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޤައުމީ މަޖިލީހުގެ މަޝްވަރާ ހޯދަން އެއްބަސްވުމެއްގައި ސޮއިކުރުން ލާޒިމުކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިސް މުޝީރަކަށް ޗެއާޕާސަން ހަމަޖެއްސުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން، ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު ޢަބްދުއްރަޙްމާން ހުށަހެޅުއްވި މުހިންމު އިޞްލާޙުތައް ވެސް ކޮންގްރެސްއިން ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި އެތެރޭގެ އިންތިޚާބުތަކަށް 4 މަސްދުވަސް ކުރިން އިޢުލާނުކުރުމާއި، ވޯޓުލާ ދުވަހުގެ 3 މަސްކުރިން ޕާޓީގައި ރަޖިސްޓްރީވާ މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ދިނުން ހިމެނެއެވެ. އަދި ޤައުމީ މަޖިލީހުގައި ކޮންމެ ރަށަކުން އެއް މެންބަރަކު ތަމްސީލުކުރުމުގެ އުޞޫލު ދެމެހެއްޓުމަށާއި، ކޮންގްރެސްގެ ބައިވެރިންގެ ލިސްޓު 10 ދުވަސްކުރިން އިޢުލާނުކުރުން ވެސް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...