ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ބަދަހިކަމާއި އެކުވެރިކަން ދައްކުވައިދޭ ޚާއްޞަ ހިނގާލުމެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބާއްވައިފިއެވެ.
މި ޙަރަކާތުގެ ތެރެއިން މާލެ ސަރަޙައްދުގައި ބޭއްވި ހިނގާލުން ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުންނެވެ. މާލެ ވަށައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހިނގާލުމަކީ ފުލުހުންގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އާންމު މުވައްޒަފުން ހިމެނޭހެން ޖުމްލަ 1000 އަށްވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ބޮޑު ޙަރަކާތެކެވެ. ހަމައެއާއެކު، އަތޮޅުތެރޭގެ ރަށްރަށުގައިވެސް އެ ރަށްރަށުގައި ޤާއިމުވެތިބޭ ފުލުހުންނާއި އާންމު މުވައްޒަފުން ގުޅިގެން ވަނީ މިފަދަ ހިނގާލުންތައް ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މިއަދު އިތުރު ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަޙައްދުގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް އޮންނާނެއެވެ. އަދި މިރޭ ހަމަ އެ މަރުކަޒުގައި “ޕޮލިސް ފެމިލީ ނައިޓް” ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބޭއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...