ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މެލޭޝިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައްޔާއި ރަސްމީ ސިޓީފުޅުތައް މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެޤައުމުގެ އެކުވެރިކަމަކީ އިޙްތިރާމާއި އެއްގޮތް އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ހާމަކުރައްވާފައެވެ.
އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ފާހަގަކުރެއްވީ، ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި އޮތް އިތުބާރާއި އެއްބާރުލުން އައު އުސްމިންތަކަކަށް ގެންދިޔުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާ ކަމެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި، އިސްވެރިންގެ ފެންވަރުގައި ބޭއްވޭ ބައްދަލުވުންތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، އޭގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި ދެޤައުމުގެ ރައްޔިތުންގެ ލާބައަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވަމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން މެލޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދާއިމީ އަމަންއަމާންކަމާއި އިޤްތިޞާދީ ފާގަތިކަމަށް އެދިވަޑައިގެން، ވެރިންގެ ދުޅަހެޔޮކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
މެލޭޝިއާއަކީ 1957 ވަނަ އަހަރުގެ އޯގަސްޓް 31 ގައި އިނގިރޭސިންގެ ކިބައިން މިނިވަންކަން ހޯދި ޤައުމަކަށްވާއިރު، 1968 ގައި ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން އެ ޤައުމު ވެފައިވަނީ ދިވެހިން ތަޢުލީމާއި ވިޔަފާރި އަދި ދަތުރުފަތުރުގައި އެންމެ ބޮޑު އިސްކަމެއްދޭ އެއް ބައިވެރިޔާއަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...