ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިންކާރު ކުރައްވައި، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވަނީ، އެ ބަނދަރަކީ ދިވެހި ރައްޔިތުންގެ 100 އިންސައްތަ މިލްކުވެރިކަން އޮތް، ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދާ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ރައީސް ډރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަނދަރު ބިނާކުރާނީ ދިވެހީންގެ ފުރިހަމަ ބާރު އޮންނާނެ ގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ މި ރައްދު އައިސްފައިވަނީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ތިލަފުށީ ޕޯޓު އިންޑިއާ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި އެތަން އަތުލައި ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ސަރުކާރުގެ ފުރަތަމަ ދައުރުގައި ނިންމާނެ އެންމެ ބޮޑު އަދި ދިވެހީންނަށް އެންމެ ފައިދާހުރި މަޝްރޫއު ކަމަށެވެ. އަދި މި ބޮޑު ހަގީގަތާ މެދު ހަސަދަވެރިވެ، ދޮގު މައުލޫމާތު ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ބަނދަރު ހުޅުވުމަށް ވަނީ އަމާޒުހިފާފައެވެ. އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު 24 ގަޑިއިރު ހިދުމަތް ދެވޭނެ ސްޓޭޓް-އޮފް-ދި-އާޓް ބަނދަރެއް ތަރައްގީކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...