ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ބޯނުލެނބުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮތް މަނީ ޗޭންޖިން ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާޠިލުކޮށް ޚިދުމަތް ހުއްޓުވައިފިއެވެ.
މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު މި ފިޔަވަޅު އަޅާފައިވަނީ، ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖް ވިޔަފާރިތައް މޮނިޓަރކޮށް ބަލަމުން ދިޔަ ދިއުމުގައި އެ ކުންފުނިން ޤަވާޢިދާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިގެންނެވެ.
އެމްއެމްއޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މަނީ ޗޭންޖަރުންގެ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ޗެކްކުރުމަށް ކޮންމެ ވަގުތެއްގައިވެސް އޮންސައިޓް އެގްޒެމިނޭޝަންތައް ހިންގައި، މާލީ ރެކޯޑުތައް ހޯދުމުގެ ފުރިހަމަ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.
ކަނޑައެޅިފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ފައިސާ މާރުކުރުމާއި ރެކޯޑުތައް ދިމާނުވުން ފަދަ ޢަމަލުތައް ހިންގާ ވިޔަފާރިތައް 10،000 ރުފިޔާއިން ފެށިގެން 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރުވެސް މަރުކަޒީ ބޭންކަށް ޤަވާޢިދުން ފަހިކޮށްދެއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި ޤަވާޢިދާ ޚިލާފަށް ހިންގާ މުޢާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭއިން ގެންދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަން މަސައްކަތްކުރާ އިޞްލާޙުތަކުގެ ތެރެއިންވެސް، ކަނޑައެޅޭ ރޭޓަށް ވުރެ ބޮޑުކޮށް މުޢާމަލާތްކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
ހުރިހާ މަނީ ޗޭންޖަރުންވެސް ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރޭގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...