މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށާއި، ކީރިތި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލުކުރުމަށް އޮތް އެންމެ ސީދާ މަގުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އިންސާނިއްޔަތު ޖާހިލިއްޔަޒަމާނުގެ އަނދިރިކަމުގެ ތެރެއަށް ވެއްޓި، ބުދަށާއި އަލިފާނާއި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރަމުންދިޔަ ދަނޑިވަޅެއްގައި، މާތް ނަބިއްޔާ ފޮނުއްވުނީ މުޅި ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އެކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ދުނިޔޭގައި އޮތީ އަނިޔާވެރިކަމާއި، އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުން ފަދަ ނުރައްކާތެރި މުންކަރާތްތައް ފެތުރިފައިވާ “ޖަންގަލީގެ ޤާނޫނު” ކަމަށްވެސް ވިދާޅުވިއެވެ.
ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމުގެ ޙަޤީޤީ މާނައަކީ އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، އަމިއްލަ ނަފުސާއި މުދަލާއި ޢާއިލާއަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުން ކަމުގައި ޚުތުބާގައި ބަޔާންކުރެއްވިއެވެ. އަދި ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ ކުރީއްސުރެ ހިނގަމުންދާ ކަމެއްކަން ފާހަގަކުރައްވައި، ރަސޫލާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ހަނދާންކޮށްދެއްވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން ވިދާޅުވީ، ކީރިތި ރަސޫލާއަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ތެދުވެރިކަމާއި، ކެތްތެރިކަމާއި، ޢަދުލުވެރިކަން ފަދަ މަތިވެރި އަޚުލާޤީ މިންގަނޑުތަކުން ޒީނަތްތެރިވެ، އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން އުޅުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...