ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި އެއާކްރާފްޓެއް ވެއްޓި، އޭނާއަށާއި އެ ބޯޓުގައި އިން ފްލައިޓް އިންސްޓްރަކްޓަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސްޕެއިންގެ ނަވާރާ ސަރަހައްދުގެ ވިއާނާ ކައިރީގައި އޮންނަ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ކުއްލިގޮތަކަށް ބޯޓު ޖައްސަން މަސައްކަތްކުރުމުގެ ތެރޭގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ މަލްޓި-އިންޖީން ތަމްރީނުގެ ފަހު މަރުހަލާ ފުރިހަމަކުރަމުންދިޔަ އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރަކަށާއި، 26 އަހަރުގެ ޕޯޗުގަލްގެ ފްލައިޓް އިންސްޓްރަކްޓަރަކަށެވެ. ބޯޓު ވެއްޓުމުގެ ސަބަބުން ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވެ ފައިގެ ކަށިގަނޑާއި ތަނބިކަށި ބިންދައިގެން ގޮސްފައިވާއިރު، 700 އަށްވުރެ ގިނަ ގަޑިއިރު އުދުހުމުގެ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ދެމީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ވެއްޓިފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި “ޓަޗް އެންޑް ގޯ” ތަމްރީނުތަކެއް ހަދަމުންދިޔަ “ފްލައިބައި” ޕައިލެޓް ސްކޫލްގެ “ޓެކްނަމް 2006” މޮޑެލްގެ ދެ އިންޖީނުގެ މަތިންދާބޯޓެކެވެ. ރިޕޯޓުތައް ބުނާގޮތުން 300 ފޫޓު މަތިން ބޯޓު ވެއްޓިފައިވަނީ “އުލާގޯސާ” ނަމަކަށް ކިޔާ ދަނޑުވެރިކަންކުރާ ބިމަކަށެވެ.
ހާދިސާގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ލަފާކުރެވޭ ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބޯޓުގެ އިންޖީނަށް ދޫންޏެއް ވަނުމުގެ ސަބަބުން ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވެގެންނެވެ.
ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު މި ހާދިސާގެ ތަހުގީގު ފަށާފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ހަތަރު މަސްދުވަސް ކުރިންވެސް “ފްލައިބައި” އެކެޑެމީގެ ބޯޓެއްގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވެގެން އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...