ޚަބަރު

ދިވެހިންގެ އެންމެބޮޑު އޮންލައިން ބާޒާރު ޝީއިން ޝިޕިން ފީކަނޑާލައިފި


ދިވެހިންގެ އެންމެ ބޮޑު އޮންލައިން ބާޒާރުކަމަށް ގިނަބަޔަކު ޤަބޫލުކުރާ ޝީއިން އިން ޝިޕިން ޗާޖުގެ ގޮތުގައި ރާއްޖެއަށް ނަގާ ފީ އަނެއްކާވެސް އުނިކޮށްފި ކޮށްފި އެވެ.

އަންނައުނާއި ދަބަހާއި ބޫޓާއި ފައިވާނުގެ އިތުރުން ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ގަތުމަށް މަގުބޫލު މި ސައިޓުން، ވަކި މިންވަރަކަށް ވުރެ މުދާ ގިނައިން ގެންނަ ނަމަ ކުރިން ޝިޕިން ފީ އިނީ ހިލެ އެވެ. އެކަމަކު މިދިޔަ އޮގަސްޓު މަހުން ފެށިގެން ވަނީ ޝިޕިން ފީ ވަރަށް ބޮޑުކޮށްފަ އެވެ. އެގޮތުން ކޮންމެ އަދަދަކުން ވިޔަފާރި ކުރި ނަމަވެސް ޝިޕިން ފީގެ ގޮތުގައި 30 ޑޮލަރު ދައްކަން ޖެހުނެވެ. އިތުރަށް ނަގާ ކޮންމެ އެއްޗަކުން ދިޔައީ 5 ޑޮލަރު ޗާޖު ކުރަމުންނެވެ.

ޝީއިން އިން ރާއްޖޭގެ ގިނަ ބަޔަކު މުދާ ގެންނައިރު، ގިނަ ބަޔަކު ކުދި ވިޔަފާރިތަކުގެ ގޮތުގައި ރަޖިސްޓްރީކޮށް، ޝިއިން އިން މުދާ ގެނެސް ވިއްކި އެވެ. އެކަމަކު ފީ ބޮޑުކުރުމާ އެކު އެ ހުރިހާ ވިޔަފާރިތަކެއް އެއްކޮށްހެން ހުއްޓުނެވެ. ޝީއިންގެ ވެބްސައިޓުގައިވާ ގޮތުން މިހާރު ފީ ނަގާނީ، ހަމަ ކުރިން ވެސް ނެގި މިންވަރަށެވެ. އެގޮތުން މީގެ ކުރިން ޝީއިން އިން ރާއްޖެއަށް ތަކެތި ފޮނުވަނީ، 200 ޑޮލަރުން ދަށުގެ އޯޑަރެއް ނަމަ ޝިޕިން ފީގެ ގޮތުގައި 24 ޑޮލަރެވެ. އަދި 200 ޑޮލަރުން މަތީގެ އޯޑަރެއް ނަމަ، ޝިޕިން ފީއެއް ނުނަގާނެއެވެ. އެހެންވެ، އެއްފަހަރާ މާ ގިނަ ތަކެތި ގަންނަން ބޭނުން ނުވާ މީހުން، އާއްމު ގޮތެއްގައި ވިޔަފާރި ކުރަނީ އެ ތަކެތި ރާއްޖެ ގެނައުމުގެ ވިޔަފާރިކުރާ މީހުން މެދުވެރިކޮށެވެ.

ޗައިނާގެ ކްރިސް ޒޫ 2008 ވަނަ އަހަރު އުފެއްދި ވިޔަފާރިއެއް ކަމަށްވާ ޝީއިންގައި އެ ގައުމުގެ 7،000 މުވައްޒަފުން ގެންގުޅެ އެވެ. ޝީއިންގެ ވިޔަފާރި ފަލްސަފާ އަކީ، އެއް ފަހަރު ލާފައި އެއްލާލަން ވިޔަސް، ވީހާ ވެސް އަގުހެޔޮކޮށް ފަހުގެ ޓްރެންޑްތައް ވިއްކުމެވެ. ޝީއިންގެ ސްޓޮކްގެ %6 ވެސް 90 ދުވަހަށް ވުރެ ގިނަ ދުވަހު ނުބަހައްޓަ އެވެ. ދުނިޔޭގެ 150 ގައުމަށް މި ތަކެތި ޝިޕް ކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close