އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގޭ ތެރެއިން އިންސާނެއްގެ ފައިތިލައެއް ފެނިއްޖެ
މިދިޔަ ބުދަދުވަހުގެރޭ އަލިފާނުގެ ހާދިސާ ހިނގި މާފަންނު ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް އަނދާފައިވާ އިންސާނެއްގެ ފައިތިލައެއް ފެނިއްޖެއެވެ.
ފުލުހުންވަނީ މިއަދު އެގޭތެރެއިން އިންސާނެއްގެ ފައިތިލައެއް ފެނުނުކަމުގެ މައުލޫމާތު ލިބިގެން އެކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާކަމުގައި ބުނެފައެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖުމުލަ 10 މީހުން މަރުވިއެވެ. އޭގެތެރޭގައި ހިމެނެނީ، އިންޑިއާގެ 8 މީހުންނާއި، ބަނގުލަދޭޝްގެ ދެމީހުންނެވެ. އަލިފާނުގެ ހާދިސާގައި ނިޔާވި އެމީހުންގެ އިތުރުން، ޒަޚަމްވި މީހަކު ސީރިއަސް ހާލަތުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެބައޮތެވެ.
މިއަދު އެގޭތެރެއިން ފެނުނު ފައިތިލައަކީ މަރުވެފައި ވަނިކޮށް ފެނުނު 10 މީހުގެ ތެރެއިން މީހެއްގެ ގުނަވަނެއްކަން ނުވަތަ ނޫންކަން އަދި ޔަޤީންކުރެވިފައެއް ނުވެއެވެ. މިހާތަނަށް ބެލެވިފައި ވަނީ އެހާދިސާގައި މަރުވީ 10 މީހުން ކަމަށެވެ. އަދި އެގޭގައި ދިރިއުޅުނު އެހެން މީހަކު ނުވަތަ އެގެއަށް ދިޔަ އެހެން މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާކަމަކަށް ކަމާއި ބެހޭ ފަރާތްތަކުން މިހާތަނަށް ބުނެފައެއް ނުވެއެވެ.



