ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއް – ޚުޠުބާ
ތިބާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށް ޚުތުބާގަައި ވިދާޅުވީ ”ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި، ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހެއެވެ. އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ. އަދި މިދުނިޔޭގައި އޭނާ އުޅެން އޮތް ދުވަސްތަކަކީ މަދު ދުވަސްތަކެކެވެ. އެ މުއްދަތު ހަމަވުމުން އެންމެ ހިނދުކޮޅަކަށް ވެސް ލަހެއްފަހެއް ނުވާނެއެވެ. އެހެންކަމުން އަބަދުވެސް ހުންނަށް ޖެހޭނީ މީހުންގެ ޙައްޤުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެންނެވެ. ތިބާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި ކަމެކެވެ. ނުބައިކަން ބޮޑު ކަމެކެވެ. މާތް ނަބިއްޔާ ގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”މުއުމިނު އަޅާ އޭނާގެ ދަރަނި އަދާކޮށްފުމަށް ދާންދެން އޭނާގެ ފުރާނަ ވަނީ އެލުވިގެންނެވެ.“
މުދާ ހޭދަކުރުމުގައި އިސްރާފުކުރުމާއި ގުޅޭގޮތުން ޚުތުބާގައި ވިދާޅުވީ ”މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. އިސްރާފުކުރުމަކީ ޙަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަ ކުރުމެވެ. އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފު ކުރުމެވެ. އަދި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީވެސް އިސްރާފެކެވެ. އަދި މިނޫންވެސް މިފަދަ އެންމެހާ ހިމެނިގެންދާނީ އިސްރާފުކުރުމުގެ ތެރޭގައެވެ. އެފަދަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވާކަން އަންގަވައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَكُلُوا۟ وَٱشۡرَبُوا۟ وَلَا تُسۡرِفُوۤا۟ۚ إِنَّهُۥ لَا یُحِبُّ ٱلۡمُسۡرِفِینَ މާނައީ: ”އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.“
ކަންމިހެން އޮތް ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކަންކުރަމުން ދަނީ މިއާ ޚިލާފަށެވެ. ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއް ނެތި ޚަރަދުތައް ކުރަމުންދެއެވެ. ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މިޒަމާނުގައި، މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދައެވެ. ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ .ކުރިން ގަނެދެއެވެ. އަނެއް ބަޔަކު، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް، ޟަރޫރަތެއް ނެތް ބޮޑެތި ޚަރަދުތައް ކުރަމުންދާތަން ފެނެއެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ.
