އިންޑިއާއިން ބައިނަލްއަގުވާމީ ފްލައިޓް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
އިންޑިއާއިން ބައިނަލްއަގުވާމީ ފްލައިޓް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުން ހުކުރު ދުވަހު ވަނީ ބައިނަލްއަގުވާމީ ފަސިންޖަރުން އުފުލާ ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން 30 ނޮވެމްބަރު 2021 ގެ ނިޔަލަށް އިތުރުކޮށްފައި ވީނަމަވެސް ކާގޯ ފްލައިޓްތަކާއި ރެގިއުލޭޓަރު، ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ގަބޫލުކުރާ ފްލައިޓްތަކަށް ދަތުރު ކުރެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ކުރާ ޝެޑިއުލް ހުރިހާ ބައިނަލްއަގުވާމީ ދަތުރުތައް މާޗް 2020 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އޭގެ ފަހުން ކޮންމެ މަހެއް ނިމެންދެން ފްލައިޓް ބޭން ކުރުން ރެގިއުލޭޓަރުން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް ސިވިލް އޭވިއޭޝަނުން ވަނީ ގިނަ ގައުމުތަކަކާއެކު ބައިލެޓްރަލް އެއާ ބަބްލް އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
އިންޑިއާ އިން ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޔޫއޭއީ، ކެންޔާ، ބޫޓާން އަދި ފްރާންސް ހިމެނޭ ގޮތަށް 25 ވަރަކަށް ގައުމާއެކު އެއާ ބަބްލް މުއާހަދާތަކެއް އެކުލަވާލައިފަ އެވެ.
އެ އެއާލައިންތަކުން ބައިނަލްއަގުވާމީ ދަތުރުތައް ކުރެވޭނީ ދެ ގައުމުގެ ދެމެދުގައި ވެވުނު އެއާ ބަބްލް މުއާހަދާއާ ގުޅިގެން ނެވެ.
އިންޑިއާއާއި ކެނެޑާއާ ދެމެދު ޑައިރެކްޓް ކަނެކްޓިވިޓީ އަލުން ފަށާފައި މިވަނީ، ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 5 މަސް ދުވަސް ފަހުންނެވެ.
މި ބަލިމަޑުކަމާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި ބޭރު ގައުމުތަކުގެ މީހުންނަށް އިންޑިއާ ވިސާގެ މުއްދަތު އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

