މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓަރ އިމްރާން، 48، ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ޕޮޒިޓިވް ކަން އެނގިފައި ވަނީ އިއްޔެ އެވެ.
މިނިސްޓަރު އިމްރާން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވިކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފަނީ ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިއިރެކްޓަރު ހަފްސީ އަބްދުﷲ އެވެ. ހަފްސީ ވިދާޅުވީ މިނިސްޓަރު ޓެސްޓު ކޮށްފައި ވަނީ ބަލިކޮށް އުޅުއްވުމަށްފަހު ކަމަށެވެ.
ރާއްޖޭގައި އިއްޔެ އާ ހަމައަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު 77،000 ހުރަސްކޮށްފައިވާއިރު، އޭގެ ތެރެއިން 220 މީހަކު ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 108 މީހުންނެވެ.


