ޚަބަރު

ޑްރަގްގެ ވަބާ ރާއްޖެއިން އެއްކޮށް ނައްތާލާނަން: ރައީސް

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލާނެ ކަމަށާއި، މި މަސައްކަތުގައި އެއްވެސް ނުފޫޒެއްގައި ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު ޖަލްސާ، ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އެވަގުތަކަށް އެންމެ މަގުބޫލު ނިންމުން ނޫން ކަމަށާއި، ބޭނުންވަނީ ރަނގަޅު ނިންމުންތައް ނިންމަން ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އިއްޔެ ރާއްޖޭގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގުގެ ވަބާ މި ގައުމުން ނައްތާލުމަށްޓަކައެވެ. މި އޮޕަރޭޝަންގައި ފަސްސަތޭކައަށް ވުރެ ގިނަ ފުލުހުން ބައިވެރިވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަންތައް ނުހުއްޓާ ކުރިއަށްދާނެ ކަމަށާއި، މިކަންކަމުގައި އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުދިކުދި އިޖުރާއީ ކަންކަމުގައި ޖެހިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިނިވަންވެގެން ދިޔުމަކީ ދައުލަތާއި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވާއިރު، ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމް ދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ގަދައަޅާ މަސައްކަތްކުރައްވާނެ ކަމަށެވެ.
“އެއްވެސް ނުފޫޒެއްގަ ނުޖެހި ދައުލަތް މަސައްކަތްކޮށްފިއްޔާ، މި ސަރުކާރުން މިކުރާ މަސައްކަތަށް އިރާދުކުރެއްވިއްޔާ ހުރިހާ ރައްޔިތުންނާއެކީގައި ޑްރަގު ވަބާ މި ގައުމުން ފޮހެލާނަން އިރާދުކުރެއްވިއްޔާ،” ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ބައެއް ކަމަށާއި، ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، މުޖުތަމައުއަށް އަނބުރާ ގެނެސް، އާބުރުވެރި ޒުވާނުންނަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ގައުމުން ޑްރަގުގެ މައްސަލަ ނައްތާލެވިގެންނޫނީ ޒުވާނުން ބާރުވެރިކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close