
ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ އިރު އެމަނިކުފާނު ހުވާކުރައްވާ ވަގުތު ވިއްސާ ނަމަ އެދުވަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ކަމަށް ރައްޔިތުން މަޖިލިސްގެ އައު ރައީސް އަލްފާޟިލް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ އައު ރައީސް އަލްފާޟިލް މުހައްމަދު އަސްލަމް އެ ގޮތަށް ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ބައެއް މެމްބަރުން އެދިވަޑައިގެންފައިވާތީވެ، މިއަދު އިތުރު ޖަލްސާއެއް ބޭއްވެން ނެތް ސަބަބު އޮޅުން ފިލުވައި ދެއްވަމުންނެވެ.
މިގޮތުން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާ މިއަދަށް ނިންމާލެއްވުމުގެ ކުރިން އަސްލަމް ވިދާޅުވީ، މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ކަމަށް ވިޔަސް، ވިއްސާރަވެއްޖެ ނަމަ އެ ޖަލްސާ ބާއްވާ ތަނެއްގެ ގޮތުގައި މަޖިލީހުގެ ޖަލްސާކުރާ މާލަން ވެސް ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އެ މަސައްކަތް އޮއްވައި އިތުރު ޖަލްސާއެއް މިއަދު އެޖެންޑާ ނުކުރެއްވޭނޭ ކަމަށެވެ.
ކަމުގެ އިތުރު ތަފުޞީލް ދެއްވަމުން މަޖިލިސްގެ ރައީސް އަސްލަމު ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން ވެސް [ހުވާކުރުން] މަޖިލީހުގައި ބާއްވަން ޖެހޭ ހާލަތުގައި އޮލްޓަނޭޓިވް ތަނެއްގެ ގޮތުގައި މަޖިލީހުގެ ޗެމްބަރު ތައްޔާރުކޮށްފައި ބާއްވަން ޖެހޭތީވެ، އެކަމަށް އެއްބަސްވެފައިވާތީ މިއަދަށް އިތުރު ޖަލްސާއެއް ބޭއްވެން ނެތީ ކަމަށެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު 4.00 ގައި ޖުމުހުރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހަބީ އައު ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ޚާއްޞަ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ގެންދަވަނީ ވަރަށް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.

