ކައުންސިލަރުން މަދުކުރުމަށް، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅައިފި

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ހުށަހަޅާ އިސްލާހް ހުށަހަޅައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން، އިސްލާހު ހުށަހަޅައިފައިވާއިރު، މި އިސްލާހު ފާސްވެއްޖެނަމަ، ރަށްރަށުގެ ކައުންސިލްތަކަށް އިންތިޚާބު ކުރާ މެމްބަރުންގެ އަދަދު މަދުވެގެންދާނެ އެވެ. މި އިސްލާހު އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އެކުލެވިގެންވާނީ 3 ކައުންސިލަރުންގެ މައްޗަށެވެ. އަދި 2000 އަށް ވުރެ އާބާދީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކުގައި ތިބޭނީ 5 ކައުންސިލަރުންނެވެ.
މި ބަދަލާއެކު އަންހެން ކައުންސިލަރުންގެ އަދަދު ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، 3 މެމްބަރުންގެ ކައުންސިލްތަކުގައި 1 އަންހެން ކައުންސިލަރަކު ހިމަނަން ޖެހޭއިރު، 5 މެމްބަރުންގެ ކައުންސިލްތަކުގައި 2 އަންހެން ކައުންސިލަރުން ތިބެންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލްތަކަށް ވެސް ބަދަލުތަކެއް ހުށަހަޅާފައިވެއެވެ. މާލޭ ސިޓީ ކައުންސިލަށް މެމްބަރުން ހޮވާނީ، މާލެއަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލިހުގެ ގޮނޑީގެ އަދަދަށެވެ. ފުވައްމުލައް ސިޓީގައި ހިމެނޭ 8 އަވަށުގެ ތެރެއިން ކޮންމެ އަވަށަކަށް އެއް ކައުންސިލަރު އިންތިޚާބު ކުރަންޖެހޭނެއެވެ.
ކައުންސިލަރުންގެ އަދަދަށް ބަދަލު އައުމާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އިންތިޚާބު ކުރާ މެމްބަރުންގެ އަދަދު ވެސް ކައުންސިލަރުންގެ އަދަދާ އެއްވަރުވާނެއެވެ. މީގެ އިތުރުން، އެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ރައީސަކީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ ފަރާތެއް ކަމަށް އިސްލާހުގައިވެއެވެ. ނަމަވެސް އެހެން މެމްބަރުންނަށް ޕާޓްޓައިމް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަރަންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީސްތައް އިދާރީ ދާއިރާތަކުގައި ގާއިމުކުރުމުގެ އިޚްތިޔާރު އެ އޮތޯރިޓީއަށް ދިނުމަށް ވެސް ހިމަނާފައިވެއެވެ.



