ރަށްރަށުގެ ދަފުތަރުން ވަކިވުމަށް އެދޭ ރައްޔިތުންގެ އަތުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމަށްޓަކައި ޚާއްޞަ ޤަވާއިދެއް އެކުލަވައިލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފިއެވެ.
ބައެއް ރަށްރަށުގެ ކައުންސިލްތަކުން އިދާރީ ފީގެ ނަމުގައި 5،000 ރުފިޔާއާ ހަމައަށް ފައިސާ ނަގަމުންދާކަން ފާހަގަކުރައްވައި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، މިއީ އާންމު ރައްޔިތުންނަށް އުފުލަން ދަތި ބޮޑު ބުރައެއް ކަމަށެވެ. އެގޮތުން ތިން މީހުން ހިމެނޭ ޢާއިލާއެއް އެކުގައި އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރަން ބަލާއިރު 15،000 ރުފިޔާ ދައްކަން ޖެހުމަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކަށް ޚިދުމަތުގެ އަގު ކަނޑައެޅުމުގެ އިޚްތިޔާރު ލިބިފައި އޮތް ނަމަވެސް، އެ އަގުތައް ވާންޖެހޭނީ އާންމުންނަށް ތަކުލީފަކަށް ނުވާނެ ފަދަ އިންސާފުވެރި މިންވަރަކަށް ކަމަށް ނިމާލް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކައުންސިލްތަކުން ހިތުހުރި އަދަދަކުން މިފަދަ ފީތައް ނެގުން ހުއްޓުވުމުގެ ގޮތުން ކަމާބެހޭ އުސޫލު އެކުލަވާލައި، ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ފަހަކަށް އައިސް މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވެގެން ދިޔައީ ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާ ކޮންމެ މީހެއްގެ އަތުން 5،000 ރުފިޔާ ނެގުމަށާއި، އަދި އެ ރަށުގެ ރަށްވެއްސަކަށް އަލަށް ބަދަލުވާ މީހުންނަށް 2،500 ރުފިޔާގެ އިނާޔަތެއް ދިނުމަށް އެ ރަށު ކައުންސިލުން ފާސްކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން ތ. ކިބިދޫން ރަށްވެހިކަން ބަދަލުކުރާނަމަ 1،200 ރުފިޔާ އަދި ޅ. ހިންނަވަރުން ރަށްވެހިކަން ދޫކޮށްލުމަށް 2،000 ރުފިޔާގެ ފީއެއް ނެގުމަށް ވެސް އެ ކައުންސިލްތަކުން ވަނީ ނިންމާފައެވެ.
ރަށްރަށުގެ ކައުންސިލްތަކުން މިފަދަ ނިންމުންތައް ނިންމަން މެދުވެރިވި މައިގަނޑު ސަބަބަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓާއި ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަށް ބަލާތީއެވެ. އާބާދީ ދަށްވުމުން ބަޖެޓު ކުޑަވެދާނެތީ ކައުންސިލްތަކުން ކަންބޮޑުވާއިރު، ތަޢުލީމާއި ވަޒީފާ އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ގިނަ އަދަދެއްގެ ރައްޔިތުން އަދިވެސް އަންނަނީ ވެރިރަށް މާލެއަށް ދިރިއުޅުން ބަދަލުކުރަމުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ އެމީހަކު ބޭނުން ތަނެއްގައި ދިރިއުޅުމާއި ހިޖުރަކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު، ރަށްވެހިކަން ބަދަލުކުރުމަށް ހުރަސްއެޅޭ ގޮތަށް ބޮޑެތި ފީތައް ނެގުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއް ކަމަށް ބުނެ ޢާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...