ޚަބަރު

ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމަށާއި ތައުބާވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި

ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު” މި މައުޟޫޢަށް މިއަދު ދިން ހުކުރު ޚުޠުބާގައި، ބަރަކާތްތެރި ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމަށާއި،  ތައުބާވުމަށް ގޮވާލާފައެވެ.

ވަކިން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން، ރޯދަމަހުގެ ދުވާލު ހާމަކަން ބޮޑު ގޮތެއްގައި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައިގެން ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އެފަދަ ޚިދުމަތްތައް ދޭންވާނީ އާންމުންނަށް ނުފެންނާނެ ފަދަ ޚާއްޞަ އިންތިޒާމުތަކެއްގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި، އަދި ހެޔޮ އަމަލުތަކަށް މަތިވެރި ޖަޒާ ދެއްވާ މައްސަރެކެވެ. މި މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކުރެވިފައިވާ ކުދި ބޮޑު އެންމެހައި ފާފަތަކުން ތައުބާވުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ. ތައުބާވުމަކީ ފާފަތަކަށް ދެރަވެ، އެކަން ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައި، އިޚްލާޞްތެރިކަމާއެކު މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުން ކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ރަމަޟާން މަހު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގައި ރަސޫލާ ﷺ ދެއްކެވި ނަމޫނާއާ އެއްގޮތަށް އަމަލުކުރުމަށް ޚުޠުބާގައި ބާރުއެޅިއެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމާއި، ރޭއަޅުކަން ކުރުމުގައި އަމިއްލަ ނަފްސުގެ އިތުރުން އަހުލުވެރިންވެސް ބައިވެރިކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ މީހުންވެސް މި މަތިވެރި މައްސަރުގެ ޙުރުމަތް ދަމަހައްޓަން ޖެހޭނެ ކަމަށާއި، ނަރަކައިން މިންޖުކުރައްވާ އަޅުންގެ ތެރޭގައި ލެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close