ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ދުނިޔޭގެ އެންމެ މާތް ދުވަސްތައް: ހުކުރު ޚުތުބާ

ދުނިޔެއަށް އަންނަ އެންމެ މަތިވެރި އަދި މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ “ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން” މި މައުޟޫޢަށެވެ.
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ވެސް މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަހެވެ. އަދި މި މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބަކީ، އިސްލާމްދީނުގެ މައިގަނޑު އަޅުކަންތައް ކަމުގައިވާ ނަމާދާއި، ރޯދައާއި، ޞަދަޤާތާއި އަދި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީ ކަމަށް ޢިލްމުވެރިންނާ ޙަވާލާދީ ޚުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލަމުން، ތެދުވެރި ތައުބާއަކުން ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަތުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހާ ހަމައަށް ގޭގަޔާއި މަގުމަތީގައި އަޑުހަރުކޮށް ތަކުބީރު ކިޔުމާއި، ގިނަގިނައިން ޛިކުރުކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
ޚުތުބާގައި އިތުރަށް ބުނީ، މި ދުވަސްތަކުގެ ތެރެއިން ޢަރަފާތް ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ކަމެއް ކަމަށެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހުން އުޟުޙިޔާ ކަތިލުމާއި، ގިނަގިނައިން ޞަދަޤާތްކޮށް ދަތިކަމުގައި އުޅޭ މީހުންނަށް އެހީތެރިވުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
ޚުތުބާ ނިންމާލަމުން، މުޖުތަމަޢުގެ ބަދަހިކަން ގެއްލޭ ފަދަ ނުބައި އަމަލުތަކުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފިތުނަ އުފެއްދުން ފަދަ ކަންކަމުން ދުރުވެ، މާތް ﷲ ލޯބިވެވޮޑިގެންވާ ހެޔޮ އަމަލުތަކުގައި ދެމިތިބުމަށް ރާއްޖޭގެ ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

