މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ވައްދައިފި

ޤާނޫނުއަސާސީން ވަޒީރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާ ކަނޑައެޅިގެން ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެންބަރެއްގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި، މިނިސްޓަރު ސައީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އޭނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އޭގެ އިތުރުން، ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި މިނިސްޓަރު އިހުމާލުވެވަޑައިގެންފައިވާ ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ކަންތައްތަކެއްވެސް މިނިސްޓަރު ސައީދު ހިންގަވާފައިވާ ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ބަޔާންކޮށްފައެވެ.



