ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފި

ރާއްޖެއަށް މިދުވަސްވަރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ހޫނުގަދަވުމުގެ ސަބަބުން، މިއަދު ކުރިއަށްދާ އިންތިޚާބުތަކުގެ ވޯޓުލާ ވަގުތު ހަވީރު 5:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
މިއަދު މާލޭގެ ހޫނުމިން އިހުސާސްކުރެވޭ މިންވަރު 43 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު އިތުރުކުރީ ހޫނުގަދަވެ ކިއޫތައް ދިގުވުމުގެ ސަބަބުން ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. މިއަދު މެންދުރު 2:00 އާ ހަމައަށް ވޯޓުލާފައިވަނީ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 131,947 މީހުންނެވެ. އަދިވެސް 162,000 އަށްވުރެ ގިނަ މީހުން ވޯޓު ނުލައި ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިތުރުކުރި ވަގުތާއެކު، ހަވީރު 5:00 ޖަހާއިރު ކިއޫގައި ތިބި އެންމެން ވޯޓުލައި ނިމުމުން ފޮށިތައް ބަންދުކުރާނެއެވެ. އަދި ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ. ކޮމިޝަނުން ވަނީ ހޫނުގަދަ މި ދަނޑިވަޅުގައި ވެސް، ވަގުތު ހަމަވުމުގެ ކުރިން ހުރިހާ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ޤައުމީ ވާޖިބު އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.


