މުޒާހަރާގެ ތެރެއިން އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ބޭރަށް ފޮނުވާލައިފި
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ތެރެއިން އަނިޔާލިބި ހާލު ސީރިއަސްވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލައިފިއެވެ.
ފަރުވާއަށް ބޭރަށް ގެންދަނީ ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދެވެ. ޝަހީދުގެ އާއިލާއާއި ހަވާލާ ދީ އިދިކޮޅު ޕީޕިއެމުން ބުނީ އޭނާގެ ސިކުނޑިއާއި މައިބަދައަށް ގެއްލުންވެފައިވާކަމަށެވެ.
މިއަދުގެ މުޒާހަރާގައި ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާއިރު، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭއިން) ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޖޭއޭއިން ބުނީ މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ކޮށްފައިވާ ކަމަށެވެ.
މިއަދުގެ މުޒާހަރާއަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ގެންދިޔައީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައެވެ. ޕެޕާ ސްޕްރޭ ޖެހީ އިންޒާރަކާއި ނުލާކަމަށާއި، އެ ވަގުތު މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަށްވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާކަމަށް މައުލޫމާތު ލިބިއެވެ.
އެގޮތުން މޫނާއި ކައިރިން ޕެޕާ ސްޕްރޭ ޖެހުމާއި ގުޅިގެން ޗެނަލް-13 ގެ ދެ ނޫސްވެރިންނަށް އަނިޔާވެފައިވާއިރު، އެކަކު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްިޓަލަށް ގެންގޮސްފަ އެވެ.
މިއަދުގެ މުޒާހަރާގައި ފުލުހުންގެ ފަރާތުން އަނިޔާލިބުނު އިތުރު 4 މީހަކަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިންކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން މިއަދުގެ މުޒާހަރާ ރޫޅާލުމުގެ ތެރެއިން ފުލުހުން ވަނީ 11 މީހުން ހައްޔަރުކޮށްފަ އެވެ.
ނޫސްވެރިންނަށް އަނިޔާވެފައިވާ މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއެއް ކަމަށެވެ.
މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށާއި، އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރާކަމަށެވެ.
މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.




