ޚަބަރު

މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފި

ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން އިތުރުވަމުންދާތީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ ލޯނު އެހީގައި ލ. ގަމުގައި އެޅުމަށް ކުރިން ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް ލަސްވަމުންދާތީ، މި މައްސަލައިގެ ކުއްލި ބޭނުންތެރިކަމަށް ބަލައި މާލޭގައި މި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގައި އަޅާ މި ހޮސްޕިޓަލަކީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި، މިއީ 14,000 އަކަފޫޓުގެ ބިމެއްގައި ބިނާކުރާނެ ތަނެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މާލޭގައި މި ހޮސްޕިޓަލް އެޅި ނަމަވެސް، ލޯނު އެހީ ހަމަޖެހުނުހާ އަވަހަކަށް ލ. ގަމުގައި އެޅުމަށް ނިންމާފައިވާ ފެސިލިޓީގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ ނަފްސާނީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ނަފްސާނީ ފަރުވާއަށް އާސަންދަ މެދުވެރިކޮށް ދޭ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް 10,954 މީހަކަށް ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ތެރަޕީގެ ޚިދުމަތް ދެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ވެސް ނަފްސާނީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close