އެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްކަމުގެ މަޤާމަށް ގ. އާބިން، ޑރ. ޢާއިޝަތު ރަމީލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި މަޤާމަށް އެކަމަނާ އައްޔަންކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.
ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ މިނިސްޓަރެވެ. ނަމަވެސް، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެކަމަނާ ވަނީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން، މި މަހުގެ ތިންވަނަ ދުވަހު އެކަމަނާ ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވާފައެވެ.
އެޗްއާރުސީއެމްގެ ރައީސާކަމަށް ޑރ. ރަމީލާގެ ނަން ފޮނުއްވީ މިދިޔަ ހަފްތާގައެވެ. އަދި މި މަޤާމަށް އެކަމަނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ ބޭއްވި ޖަލްސާގައެވެ.

