މަކުނު ވިދުރީގެ އާ ކޭހެއެއް ޕިލިޕީންސުން ވެސް ފެނިއްޖެ

ފިލިޕީންސްގައި މަކުނުވިދުރީގެ އާ ކޭހެއް ފާހަގަކުރެވިފައިވާ ކަމަށް އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ހާމަކޮށްފިއެވެ. މި ފަހަރު ބަލި ޖެހިފައިވަނީ 33 އަހަރުގެ ފިރިހެނެކަށެވެ. ނަމަވެސް މި ފަރާތަކީ ފިލިޕީންސްއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެ އިދާރާއިން ބުނެއެވެ.
މިއީ ފިލިޕީންސްގައި މިހާތަނަށް މަކުނުވިދުރީގެ ބަލި ޖެހުނު 10 ވަނަ މީހާއެވެ. އެ ޤައުމުގައި މި ބަލި ފުރަތަމަ ފެނުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް އެއް ކޭސް ވަނީ ފެނިފައެވެ.
މަކުނުވިދުރީގެ ބަލި އެފްރިކާގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަވަސް ދުވެއްޔެއްގައި ފެތުރެމުންދާތީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މިއީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން، މި ބަލީގެ އާ ވޭރިއަންޓެއް ސްވިޑަނާއި ޕާކިސްތާނުން ވެސް ފެނިފައިވާކަން ފާހަގަކުރެވެއެވެ.
މަކުނުވިދުރިއަކީ ވައިރަސް މެދުވެރިވެގެން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފުރަތަމަ ފާހަގަކުރެވުނީ 1958 ވަނަ އަހަރު ކޮންގޯގައެވެ. މި ބަލި އާންމުކޮށް ފެތުރެނީ ޖަނަވާރާއި، ސޫފާސޫފި އަދި ބަލިޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުގެ ތެރެއިންނެވެ.
މަކުނުވިދުރީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، އަދި ވަރުބަލިވުން ހިމެނެއެވެ. މީގެ އިތުރުން، ހަމުގައި ބޮޑެތި ފާރުތައް އުފެދި، އޭގެ ފަހުން އެ ތަންތަނުން ދޮސްފަދަ ދިޔާ އެއްޗެއް ނުކުމެއެވެ.
މި ބައްޔަށް ޚާއްޞަ ވެކްސިން ޖެހުމަށާއި، ބަލި ޖެހުމުގެ ކުރިން އަދި ފަހުން ވެސް ބޭނުންކުރެވޭ ބައެއް ބޭސްތައް ބޭނުން ކުރުމަށް ސިއްހީ އޮފިޝަލުން ލަފާދެއްވައެވެ.
މަކުނުވިދުރީގެ ބަލި ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ބަލި ޖެހިފައިވާ މީހުން އެކަހެރިކުރުން، އަތްދޮވުމާއި ސާފުތާހިރުކަން ބެހެއްޓުން، އަދި ބަލި ޖެހިފައިވާ ޖަނަވާރުތަކާ ގުޅުން ބޭއްވުން މަދުކުރުން ހިމެނެއެވެ. އަދި ބައްޔާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މުހިންމު ކަމެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން މި ބަލި ކޮންޓްރޯލްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
