ވައިގެ މަގުން އެތެރެކުރި 11 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ. މިދިޔަ ހުކުރު ދުވަހު އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ޝިޕްމަންޓްގެ ތެރޭގައި ހިމެނެނީ 5 ކިލޯއަށް ވުރެ ގިނަ ކެނެބިސް ފަތާއި 6 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް އެވެ. މިއީ މި އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ގިނަ އަދަދުގެ މަސްތުވާތަކެތި ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
މި މައްސަލައިގެ ތަހުގީގަށް އަތުލައިގަތް ހުރިހާ ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މި ތަކެތި ރާއްޖެ އެތެރެކުރި ގޮތުގެ އިތުރު ތަފްސީލެއް ކަސްޓަމްސް އާއި ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ދަނީ ބޯޑަރުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ކުރާ މިފަދަ ޣައިރުގާނޫނީ މަސައްކަތްތައް ހޯދައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަންނަނީ ތަހުގީގުތައް ހިންގަމުންނެވެ.

