ކުޑަކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ޤައުމީ ޒިންމާއެއް: ރައީސް

ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، މާދަމާގެ މުޖުތަމަޢުގައި ޒިންމާދާރު ބަޔެއްގެ ގޮތުގައި އުޅެވޭނެ ޤާބިލުކަން ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ މުހިންމު ޤައުމީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް ޖާގަ ނުދިނުމަކީ އެކުދިންނަށް ލޯބިދިނުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އެކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަށް އެންމެހާ ރައްޔިތުންނަށް ބާރުއަޅުއްވާފައެވެ.


