ޚަބަރު ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު ނިންމާ ތާރީހު ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު ނިންމާ ތާރީހު ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު ނިންމާ ތާރީހު ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ސުންގަޑި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރުގެ ފަހު ދުވަސް ކަމަށްވާ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމައިލުމަށް ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ބިލުގެ ބަހުސް ނިންމާލުމަށްފަހު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން އެންމެ ފުރަތަމަ ތާވަލުކުރީ އާދީއްތަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް، ކޮމިޓީގެ ސުންގަޑި ބުރާސްފަތި ދުވަހަށް ފަސްކުރުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދުކުރެއްވި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ގޮތުން ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމެވެ.

މި ބިލުގެ 56 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމޭނެއެވެ. އަދި ކަމާބެހޭ ގައުމީ އިދާރާއިން އެކަން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.

އޭގެ އިތުރުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ ކައުންސިލުން އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަންޖެހޭ ގޮތަށް ވަނީ ހިމަނައިފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް މަނާކޮށް، ސަރުކާރުގެ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން ވަނީ ލާޒިމުކޮށްފައެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިއަށްދާ އީ-ޕެޓިޝަނެއްގައި ހަފުތާއެއް ތެރޭ 2،100 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އަދަދަށް ސޮއި ހަމަވުމުން އެ ޕެޓިޝަން ދިރާސާކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަންޖެހެއެވެ.

ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.